ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ ރިކޯޑެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް މިނިވަން ފަންސާސް އޮފީހުން ހާމަކޮށްފިއެވެ.

މިނިވަން 50ގެ ހަރަކާތްތަކާ ގުޅޭ ގޮތުން މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ، ގައުމީ ދިދައިގެ ރިކޯޑެއް ގާއިމް ކުރުމުގެ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ.

ސަލީމް ވިދާޅުވީ، މިނިވަން 50ގެ ކޮމިޓީން އެކަމުގައި ދެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

"އެއްގޮތަކީ ގިނަ ބަޔަކު ބޭނުން ކޮށްގެން ގައުމީ ދިދައިގެ ރިކޯޑު ގާއިމް ކުރުން. އަނެއް ވިސްނުމަކީ އެންމެ ބޮޑު ދިދައެއް ހަދައިގެން ގައުމީ ދިދައިގެ ރިކޯޑެއް ގާއިމް ކުރުން. ދުނިޔޭގެ ރިކޯޑު ގާއިމް ކުރުމަށްޓަކައި ކޮންމެވެސް އެއް ކަމެއް ރާއްޖެއަށް މިނިވަން ކަމަށް 50 އަހަރު ފުރިގެންދާއިރު އަޅުގަނޑުމެންގެ ވިސްނުން މިހުރީ އެއީ ކުރަންޖެހޭނެ ކަމެއް ކަމަށް. އެހެންވީމަ އެކަމުގެ ދިރާސާތައް ކުރަމުން މިދަނީ،" ސަލީމް ވިދާޅުވި އެވެ.

އަހުމަދު ސަލީމް (މާޒު ސަލީމް): މިނިވަން 50 އާ ދިމާކޮށް ދުނިޔޭގެ ރިކޯޑެއް ގާއިމް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލީމް ވިދާޅުވީ، މިނިވަން 50 އާ ދިމާކޮށް މޫދު ކުޅިވަރުތަކެއް ވެސް އޮންނާނެ ކަމަށާއި އެ ކުޅިވަރުތައް އޮންނާނީ މާލޭގެ އެއް ނަންބަރު ފާލަމުން ފެށިގެން ގޮސް ފޮރިން މިނިސްޓްރީއާ ދެމެދު މޫދުގެ ސަރަހައްދުގައި ކަމަށެވެ.

މޫދު ކުޅިވަރުތަކަށް ފަހު ފަންނުވެރިންގެ ހަވީރެއް އޮންނާނެ ކަމަށާއި އެ ހަވީރު އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި އެ ހަރަކާތް އަންނަ މަހުގެ ތެރޭގައި ބާއްވާނެ ކަމަށާއި އެހެންނަމަވެސް ބާއްވާނެ "ސީދާ ތާރީހެއް" ކަނޑައަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވިދާޅުވީ، މިނިވަން 50 އާ ދިމާކޮށް ރާއްޖޭގެ 20 އަތޮޅެއްގައި އަތޮޅު ފެންވަރުގައި ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތްތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާ ބަންދެއްގައި ވެސް ދެތިން އަތޮޅެއްގައި އެފަދަ ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ މުހައްމަދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އަތޮޅުތަކުން ދަނީ ވަމުން. އެހެންނަމަވެސް މިކަމަކީ ވަރަށް ބޮޑު ކަމަކަށް ވެފައި ގާތްގަނޑަކަށް 188 ރަށް އެބަ ބައިވެރިވޭ. އެހެންވެ އަޅުގަނޑުމެން މިކަމުގެ އިންތިޒާމުތައް ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކާ ރަށްރަށުގެ އާންމު ރައްޔިތުންނާ ގުޅިގެން ކުރަމުން މިދަނީ. އެ ގޮތުން ފުރަތަމަ އަތޮޅެއްގެ ގޮތުގައި މިއޮތީ ފ. އަތޮޅު. ފ. އަތޮޅުގައި މިކަން ކުރަން ހަމަޖެހިފައި މިވަނީ އަތޮޅު ފެންވަރުގައި އެ އަތޮޅު ނިލަންދޫގައި،" އަބްދުﷲ ވިދާޅުވި އެވެ.