13 Apr 2015, 12:23
އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ދިން ބޮމުގެ ހަމަލާއެއްގައި މިސްރުގެ 14 މީހުން މަރުވެއްޖެއެވެ.
މިސްރުގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ސީނާގައި ދިން ތަފާތު ދެހަމަލާގައި މަރުވިމީހުންގެ ތެރެއިން ގިނަ މީހުންނަކީ އެގައުމުގެ ފުލުހުން ކަމަށެވެ.
ދެހަމަލާގެ ތެރެއިން އެންމެ ވަރުގަދަ ހަމަލާދީފައި ވަނީ ސައިނާއީގެ ސަރަހައްދީ ވެރިރަށް އަލް އަރީޝްގައިވާ ފުލުހުންގެ މަރުކަޒަކަށެވެ. އެހަމަލާދީފައި ވަނީ ގޮވާތަކެތިން ބަރުކޮށްފައިވާ އެއްގަމު އުޅަނދެއް ބޭނުންކޮށްގެންނެވެ. އެހަމަލާގައި ފުލުހުންގެ ފަސްމީހަކާއި އާއްމުންގެ މީހަކު މަރުވި އިރު ގިނަ އަދަދެއްގެ އާއްމުން ޒަހަމްވި ކަމަށް މިސްރު ސަރުކާރުން ބުނެފައި ވެއެވެ.
މިސްރުގެ ސީނާ ޕެނިންސިއުލާގައި އަންސާރުލް ބައިތުލް މަޤުދިސްގެ ނަމުގައި ހަރަކާތްތެރިވަމުން އައި ޖަމާއަތް އިސްލާމިކް ސްޓޭޓާ ގުޅުނީ މިދިޔަ އަހަރުއެވެ. އޭގެ ފަހުން އައިއެސް ވަނީ ސައިނާއީ އަކީ އެމީހުންގެ ޕްރޮވިންސެއްގެ ގޮތުގައި އިއުލާންކޮށްފައެވެ. އަދި ސައިނާއީގައި އެމީހުން އަންނަނީ މިސްރު ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.