22 Feb 2011, 16:32
ސާޅީހަށް ވުރެ ގިނަ ދިވެހިން އުޅެމުން އަންނަ ނިއުޒިލޭންޑްގެ ކުރައިސްޓް ޗާޗަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފި އެވެ.
ދިވެހި ހާރިޖިއްޔާއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ދިވެހި ސަރުކާރާއި ނިއުޒިލޭންޑް ސަރުކާރު ގުޅިގެން ބިންހެލުން އައި ކްރައިސްޓް ޗާޗުގައި ދިރިއުޅެމުންދާ ބައެއް ދިވެހިންނާއި ފޯނުގެ ޒަރިއްޔާއިން ގުޅިފައިވާކަމަށާއި އެ ހިސާބުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ. އަދި ބުނަނީ އެ ހިސާބުގައި 40 ވުރެ ގިނަ ދިވެހިން ތަފާތު ބޭނުން ތަކުގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ.
ދިވެހި އެއްވެސް އާއިލާއަކަށް ބިންހެލުމުގައި ގެއްލުމެއްލިބިފައި ވޭތޯ ނިއުޒިލޭންޑް ސަރުކާރާއި ގުޅިގެން ބެލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނިއުޒިލޭންޑަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ ޢިމާރާތްތަކެއް ވެއްޓި އެތަށް ބަޔަކު މަރުވެ ގިނަޢަދަދެއްގެ ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތިއްބެވެ.
ރެކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި މިބިންހެލުމަކީ އެޤައުމުގެ އެންމެ ދެކުނުގެ ޖަޒީރާގެ ރަށަށް އައި ބިން ހެލުމެކެވެ.