13 Apr 2015, 12:16
ބޮލީވުޑް މެދުވެރިކޮށް ފޭނުންނަށް ހިތްގައިމު ފިލްމުތަކެއް ގެނެސްދިން ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ހިމެނޭނެ އެވެ. "މެރީ ކޮމް" އާއި "ފެޝަން" އަދި "ބަރްފީ" ފަދަ ތަފާތު ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޕްރިޔަންކާ އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޝްހޫރު ތަރިއެކެވެ.
ޕްރިޔަންކާގެ ބޮލީވުޑް ހަޔާތަށް މިއަދު މިވަނީ 12 އަހަރު ފުރިފައެވެ. އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ޕްރިޔަންކާ ވަނީ ފިލްމީ ދާއިރާއިން ކުރިއެރުމަށް އޭނާއަށް ހިތްވަރު ދީ ހިފެހެއްޓުމެއްނެތި މިހާތަނަށް ތަރުހީބު ދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ފިލްމީ ދާއިރާއަށް ނިކުތީ 17 އަހަރުގެ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ.
Wow!12 yrs!I came here as a scared lil 17 yr old.I thank u for accepting me and always giving my idiosyncrasies undying support.#Gratitude
— AYESHA MEHRA (@priyankachopra)April 11, 2015
ޕްރިޔަންކާ ބޮލީވުޑުން އާންމުގެ ތެރެއަށް މަޝްހޫރުވެފައި ވަނީ 2003 ވަނަ އަހަރު "އަންދާޒު" ފިލްމުންނެވެ. އެފިލުމުން އޭނާއަށް ވަނީ އެއަހަަރުގެ އެންމެ ބޮޅު ބަތަލާގެ އެވޯޑުވެސް ލިބިފައެވެ.
އޭގެ ފަހުން ޕްރިޔަންކާ ވަނީ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕިޓްބުލްއާއެކު ލަވަކިޔުމުގައި ހަރަކާތްތެރިވެ ބައެއްލަވައަށް އެކްޓްވެސް ކޮށްފައެވެ. ދެން ޕްރިޔަންކާ ޗޯޕްރާ އެންމެ އަވަހަށް ފެނިގެން ދާނީ ޒޯޔާ އަހްތަރު ޑައިރެކްޓްކުރާ "ދިލް ދަޅަކްނޭ ދޯ" އެ ފިލްމުންނެވެ.