13 Apr 2015, 09:45
ވޮޝިންޓަން (އެޕްރީލް 13): ދެހާސް ސޯޅަވަނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގަންނަވާކަން އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އިޢްލާން ކުރައްވައިފިއެވެ.
މިކަން އިޢްލާން ކުރުމަށް ހިލަރީއަށް ސަޕޯޓްކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ، އެމެރިކާ ރައްޔިތުންނަށް ޚިދްމަތްކޮށްގެން އެމީހުންގެ ބަތަލަކަށްވުމަށް އޭނާ ބޭނުންވެ ވަޑައިގަންނަވާ ކަމުގައެވެ.
އެމެރިކާގެ ރައްޔިތުންނަށް އެންމެ ބޮޑަށް ޚިދްމަތް ކޮށްދެވޭނީ އެމެރިކާގެ ރައީސަކަށްވެވަޑައިގެން ކަމަށާއި 2016 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ކުރިމަތިލެއްވުމަށް ނިންމެވީ އެތަށް ހާސް ބައެއްގެ އެދުމުގެ މަތިންކަމަށް ހިލަރީ ވިދާޅުވިއެވެ.
މި އެއްވުމުގައި ހިލަރީ ވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި އޭނާ ބައިވެރިވެވަޑައިގަތުމުގެ ކަންތައްތަކާބެހޭ މައްލޫމާތު ފެތުރުމަށާއި ކޭންޕޭން ކަންތައްތަކާބެހޭ ޚާއްސަ ވެބްސައިޓެއް އިފްތިތާޙް ކުރައްވާފައެވެ.
ހިލަރީ ކްލިންޓަނަކީ އެމެރިކާގެ ކުރީގެ ރައީސް ބިލްކްލިންޓަންގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އާ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
އޭގެކުރިން އެމެރިކާގެ ކޮންގްރެސްގެ މެންބަރެއްގެ ގޮތުގައިވެސް ހިލަރީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާފައިވެއެވެ.
ހިލަރީ ކްލިންޓަން އަކީ އެމެރިކާގެ ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަނޅު ރައީސް ކަމަށް ވިދާޅުވެ ރައީސް ބަރަކް އޮބާމާ ވަނީ ހިލަރީއަށް ތައުރީފް ކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ގާނޫނީ ދާއިރާއިން މަތީ ތައްލީމު ހާސިލް ކުރައްވާފައިވާ ހިލަރީގެ ސިއްޙީ ހާލުކޮޅު މީގެ ދެއަހަރެއްހާ ދުވަސްކުރިން ވަރަށްބޮޑަށް ގޯސްވެފައިވާތީ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ޖިސްމާނީ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމާމެދު ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް ހިލަރީ ވަނީ އޭނާއަކީ ރިޔާސީ ރޭހުގައި ބައިވެރިވުމަށް ހުރިހާ ގޮތަކުންވެސް ފިޓް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. (ރޮއިޓާސް)