އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއުއަށް އެއާޕޯޓްގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 49 ނުވަ ވަނަ އަހަރީ ދުވަސް ފާހަގަކުުރުމަށް ހުޅުލޭ ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ އެއާޕޯޓްގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

"މި ސަރުކާރުން ގެންނަ ތަހުޒީބީ ބަދަލަކީ އިންގިލާބީ ބަދަލެއް،" ކަމަށް ސައީދު ވިދާޅުވިއެވެ.

"ތަރައްގީގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް މުޅި ސަރުކާރުން މި ވަނީ އެކުއެކީގައި މަސައްކަތްކުރަން ފަށާފައި،" ކަމަށް ސައީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މުސާ ވިދާޅުވީ ފަންނީ ތަޖުރިބާ ހުރި މީހުން ކުންފުނީގެ ޑިޕާޓްމެންޓްތަކަށް ވަޒީފާ އަށް ނަގަމުންދާ ކަމަށެވެ.

އެމްއޭސީއެލްގެ 49 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަމީން އަލީ

މީގެ އިތުރުން މުވައްޒަފުންނަށް ޚާއްސަކޮށްގެން މިހާރު ހުޅުވާފައިވާ ކެންޓީނުގެ އިތުރުން އެހެން ކެންޓީނެއް ހުޅުވުމަށް މަސައްކުރައްވަމުންދާ ކަަމަށް އަދީލް ވިދާޅުވި އެވެ.

"ކުންފުނީގެ އޮނިގަނޑަށް ބަދަލުތައް ގެންނަށް އަޅުގަނޑަށް ފެންނާތީ އެ މަސައްކަތް ކުރިޔަށްގެންދާ ވާހަކަ ދަންނަވަން. އެގޮތުން މަގާމުތަކުގައި ހުރި ފުށުއެރުން ރަނގަޅުކުރުމާއި އެހެނިހެން މައްސަލަތައް ރަނގަޅުކުުރުން ހިމެނޭ،" އަދީލް ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނީގެ ހުރިހާ މުވައްޒަފުން އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށް އަދީލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެމްއޭސީއެލް އަށް ގިނަ ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދީފައެވެ. މި ގޮތުން އެވޯޑް ހަވާލުކޮށްފައި ވަނީ 20 އަހަރު ހިދުމަތްކޮށްފައިވާ 73 މުވައްޒަފުނާއި 25 އަހަރު ހިދުމަތްކޮށްފައިވާ 30 މުވައްޒަފުންނާއި 30 އަހަރު ހިދުމަތްކޮށްފައިވާ 14 މުވައްޒަފުންނާއި 35 އަހަރު ހިދުމަތްކޮށްފައިވާ ހަތް މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.