22 Feb 2011, 16:20
ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި މާލޭ މުނިސިޕަލްޓީ އާއި އަވަށު އޮފީސަތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ، މުވައްޒަފުން ތިބި މަގާމާއެކު ކައުންސިލްތަކުގެ އިދާރަކަށް ހަމަޖައްސައި ސިވިލްސާވިސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ)ގައި ގާނޫނަށް އަމަލުކުރަން ފަށާއިރު އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކާއި އަވަށު އޮފީސްތަކާއި މާލޭ މުނިސިޕަލްޓީގައި ތިބި ސވިލް ސާވިސް މުވައްޒަފުން ކައުންސިލްތައް އުފެދޭ ވަގުތުން ފެށިގެން އެ އިދާރާތަކުގެ މުވައްޒަފުންގެ ގޮތުގައިި ހަމަޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކައުންސިލްތަކުގެ އިދާރާތައް ރައީސުލް ޖުމްހޫރިއްޔާ ގާއިމް ކުރައްވާފައިވާތީ ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި މާލޭ މުނިސިޕަލްޓީގެ ސިވިލްސާވިސް މުވައްޒަފުންގެ ވަޒީފާ މިހާރުގެ މަގާމާއެކު ކައުންސިލްތަކުގެ އިދާރާއަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެނެވެ.