13 Apr 2015, 09:31
ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތައް އުފައްދާފައިވާ ކުންފުނި ތަކަކީ ހަމައެކަނި އޭގެ ފައިދާ ސަރުކާރަށް އިތުރު ކުރުމަށް އުފައްދާފައިވާ ކުންފުނިތަކެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
"އޮޑިވެރިންނަށް ހައްލު ޔަގީން"ގެ ނަމުގައި ރޭ ދަރުބާރުގޭގައި އެމްޓީސީސީން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، "ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތަށް އުފައްދާފައިވާ ކުންފުނި ތަކަކީ ހަމައެކަނި އޭގެ ފައިދާ ސަރުކާރަށް އިތުރު ކުރުމަށް އުފައްދާފައިވާ ކުންފުނިތަކެއް ނޫން،" ކަމަށާއި "އެއީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައިރިން ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުނިތަކެއް" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިގްތިޞާދީގޮތުން ބޮޑު ބަދަލެއް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ އެކަމަށް ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެވިދާނެ ކުންފުނިތަކެއް ކަމަށެވެ.
އެގޮތުން ދުނިޔޭގެ އިގްތިޞާދު ކުރިއަރާފައިވާ ގައުމުތަކަށް ބަލާލާ އިރު، އެފަދަ ކުންފުނިތަކުން އެ ގައުމުތަކުގެ އިގްތިޞާދު ތަރައްގީ ކުރުމަށް ސަރުކާރަށް ވަރަށްބޮޑު އެއްބާރުލުން ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތަށް ވާން ދިމާވާ ސަބަބަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ވިޔަފާރިކޮށްގެން ނުވަތަ ވިޔަފާރިއަށް އެންމެ ރަނގަޅު ނަފާ ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކެއް ދިނުމަށްޓަކައި އެ މަގްސަދުގައި އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދޭ ސިޔާސަތުތަކެއް. އެއީ އަމިއްލަ ކުންފުނިތަކުން އެންމެ ޝައުގުވެރިވެގެން ބައިވެރިވާ ސިޔާސަތުތަކަކަށް ނުވެދާނެ،" މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.
އެމްޓީސީސީ ފަދަ ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތާނގައި ވެސް އެފަދަ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ޝައިނީ ވަނީ ދެއްވާފައެވެ.