12 Apr 2015, 23:23
ބިން ހިއްކުމާއި ފަޅުކޮނުން ފަދަ މަސައްކަތްތައް ކުރުމުގައި އެމްޓީސީސީ އަކީ ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަށް ހެދުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރައްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
"އޮޑިވެރިންނަށް ހައްލު ޔަގީން" ގެ ނަމުގައި މިރޭ ދަރުބާރުގޭގައި އެމްޓީސީސީން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ ޑްރެޖިން އަދި ރިކްލަމޭޝަންގެ ދާއިރާގައި މުޅި މި ސަރަހައްދުން އެންމެ ކުރިއަރާފައިވާ ކުންފުންޏަށް ހަދަން ގަސްތުކުރާ ކަމަށެވެ. އެއީ ހަމައެކަނި ކަރުދާހުގައިވާ ޕްލޭނެއް ނޫން ކަމަށާއި އެކަން ހާސިލްކުރުމަށްޓަކައި އެމްޓީސީސީން އެ ދާއިރާއަށް ބޮޑު އިންވެސްޓްމަންޓް ތަކެއް ކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ކަނޑައަޅާ އަޒުމެއް އަދި ފުންދާދޭނެ ވައުދެއް. އެމްޓީސީސީ އަކީ ރާއްޖޭގެ ރަށްރަށުގެ ފަޅު ފުންކޮށް ބަނދަރު ހަދައި ބިންބޮޑުކޮށް ރާއްޖޭގެ އުމްރާނީތަރައްގީގައި މަސައްކަތް އެންމެ ފުޅާކޮށް ކުރާ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ކުންފުނި. އެމްޓީސީސީން މި ސިނާއަތުގައި ހޯދާފައިވާ ތަޖުރިބާއާ ކާމިޔާބީއަކީ އެއްވެސް ދިވެއްސެއް އެކަމާ ޝައްކުކުރާނެ ކާމިޔާބީއެއް ނޫން،" ހަލީމް ވިދާޅުވި އެވެ.
"އޮޑިވެރިންނަށް ހައްލު ޔަގީން"ގެ ނަމުގައި ދަރުބާރުގޭގައި އެމްޓީސީސީން ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަލީމް ވިދާޅުވީ ބިންހިއްކުމުގެ ސިނާއަތުގައި އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ މަސައްކަތުގެ ދުވެލި ހަލުވިކުރެވޭނެ ގޮތެއް ހޯދަން ކަމަށެވެ. އަދި އެމްޓީސީސީން މިހާރުވެސް ތަފާތު 35 ރަށެއްގައި ފަޅުފުންކުރުން ފަދަ މަސައްކަތްތައް ހަލުވިކަމާއެކު ކުރެވެމުން އަންނަ ކަމަށް ހަލީމް ފާހަގަކުރެއްވި އެވެ.
ހަލީމް އިތުރަށް ފާހަގަކުރެއްވީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީ އަށް ދުވަހަކުވެސް ފައިދާ ނުވާވަރަށް މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާވެފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ 81 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށާއި އެއީ މި ސަރުކާރުން ކުންފުނިތަކާ މެދު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
އެމްޓީސީސީން މިރޭ ވަނީ އިސްލާމިކް ފައިނޭންސް ސްކީމްގެ ދަށުން އެމްޓީސީސީން އިންޖީނު ހޯދުމާއި އިތުރު ދެ ހިދުމަތެއް ތައާރަފުކޮށްފަ އެވެ.