އިސްލާމިކް ފައިނޭންޝަލް ސްކީމް އާއި އެކު އިތުރު ދެ ޚިދުމަތެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިރޭ ތައާރަފުކޮށްފި އެވެ.

"އޮޑިވެރިންނަށް ހައްލު ޔަގީން" ގެ ނަމުގައި ދަރުބާރުގޭގައި އެމްޓީސީސީން މިރޭ ކުރިއަށްގެންދާ ޖަލްސާގައި އެ ހިދުމަތްތައް ތައާރަފުކޮށްދެއްވީ ޝަރަފްވެރި މެހެމާން، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެމްޓީސީސީން އަލަށް ތައާރަފުކުރި ތިން ހިދުމަތަކީ އިސްލާމިކް ފައިނޭންޝަލް ސްކީމް އާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެމްޓީސީސީގެ އެޖެންޓުން ކަނޑައެޅުމުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އެމްޓީސީސީން ތަމްރީނު ލިބިފައިވާ އިންޖީނިއަރުން އުފެއްދުމުގެ ޕްރޮގްރާމެވެ.

"އޮޑިވެރިންނަށް ހައްލު ޔަގީން" ނަމުގައި ދަރުބާރުގޭގައި އެމްޓީސީސީން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޚިދުމަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ މީގެ ކުރިން އިންޖީނެއް ގަންނަން 50 ޕަސެންޓުގެ ޑައުންޕޭމަންޓެއް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އިސްލާމިކް ފައިނޭންޝަލް ސްކީމްގެ ދަށުން 20 ޕަސެންޓުގެ އެޑްވާންސް ފައިސާ ދެއްކުމަށްފަހު، ތިން އަހަރު ދުވަހުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކައި ހަލާސްކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކުގައި އެ ކުންފުނީގެ އޮތޮރައިޒްޑް އެޖެންޓުންނަށް ހާއްސަ ޕެކޭޖެއްގެ ދަށުން އެމްޓީސީސީން ވިއްކަމުން އަންނަ ހުރިހާ ޕްރޮޑަކްޓެއް ލިބޭނެ ކަމަށާއި ކްރެޑިޓަށް ވެސް މުދާ ލިބޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ ސަބަބުން އެމްޓީސީސީން ވިއްކާ އަގުގައި އަތޮޅުތަކުގެ އެޖެންޓުން އަތުން ވެސް އެތަކެތި ގަންނަން ލިބޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އަތޮޅުތަކުގައި އެމްޓީސީސީގެ ހާއްސަ ތަމްރީނު ލިބިފައިވާ އިންޖީނިއަރުން ތިބުމުގެ ސަބަބުން އޮޑިދޯނިފަހަރުގެ އިންޖީނުތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ހުރިހާ އޮޑިވެރިންނަށް އަދި މަސްވއެރިންނަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ އެހެން އިންޖީނިއަރުންނަށް ވެސް އެމްޓީސީސީގެ އޮތޮރައިޒްޑް އިންޖީނިއަރުންގެ އެހީ ހޯދޭނެކަމަށް ހަލީމް ވިދާޅުވި އެވެ.

"އޮޑިވެރިންނަށް ހައްލު ޔަގީން" ނަމުގައި ދަރުބާރުގޭގައި އެމްޓީސީސީން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން ޔަގީން ކުރަނީ މި ތިން ހިދުމަތުގެ ސަބަބުން މަސްވެރިންނާ އޮޑިވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެން އަންނާނެ ކަމަށް. އަޅުގަނޑުމެން އަދި މި އަހަރުގެ ތެރޭގައި 60 ހޯސްޕަވަރުގެ ކުދި އިންޖީނު ތައާރަފު ކުރާނަން. އަދި އިތުރު ޕްރޮޑަކްޓްތަކެއް ވެސް ތައާރަފު ކުރާނަން،" ހަލީމް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އަތޮޅުތަކުގައި ތިބޭ އެޖެންޓުންނާއި އޮތޮރައިޒްޑް އިންޖީނިއަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އެވެ.