12 Apr 2015, 21:13
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ "ސަން"އަށް ވިދާޅުވީ އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިރޭ ކަމަށެވެ.
ރައީސް ތަސްދީގު ކުރެއްވި ބިލުގައި ބުނެފައިވާ އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ޖެހޭނީ މިއަހަރުގެ ޖުލައި 16،ގަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް 13، ގައި ރައީސް ޔާމިން ތަސްދީގު ކުރެއްވި އާ ގާނޫނޫލް އުގޫބާތުގެ ބިލުގައި ކުރިން ބުނެފައިވާ ގޮތުން އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރާނީ ތަސްދީގު ކުރިތާ އެއް އަހަރުފަހުންނެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 43 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެއީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ. މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.