މިއަދުގެ ސަރުކާރުން ބޭނުން ވަނީ މީގެ އެތަކެއް އަހަރު ކުރިން ހަދާފައިވާ ގަނޫނުލް އުގޫބާތުގައި "އެލިގަނެގެން ތިބެން" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކުރީގެ ގާނޫނުލް އުގޫބާތުގައި ހުރި ބޮޑެތި އަދަބު ރައްޔިތުންނަށް ދޭން ކަމަށެވެ. އަދި ގާނޫނުލް އުގޫބާތަށް ސަރުކާރުގެ މެމްބަރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ވެސް އެފަދަ އިސްލާހުތަކެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އާ ގާނޫނުލް އުގޫބާތުގައި އޮންނަ ގޮތުން ވެއްޖިއްޔާ މިހާރު ކޯޓުތަކުން ނިންމާފައިވާ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި މި ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށައިފިއްޔާ އަމަލު ކުރެވޭނީ މީގެ ދަށުން. އެހެންވީމަ އިސްތިއުނާފު މަރުހަލާގައި ހުރި ބޮޑެތި މައްސަލަތައް ނުވަތަ މިވަގުތު ސިޔާސީ ގޮތުން ހުކުމް ކޮށްފައިވާ ބޮޑެތި މައްސަލަތައް އެބަހުރި. އެހެންކަމުން މި ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ކޮށްފައިވާ މައްސަލަތައް ބަލައިފި ކަމަށް ވާނަމަ މިހާރު ކޮށްފައިވާ ދައުވާތައް މިއަކަށް ނުފެތޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

އިންތި ނޫސްވެރިންނާ ވާހަކަދައްކަވަނީ: މިއަދު ފެނިގެން ދިޔައީ މި ސަރުކާރު ތަސައްރަފު ނުފުދޭކަން ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަސްކުރުމަށް މިއަދު މަޖިލީހުން ފާސްކުރުމުން ފެނިގެން ދިޔައީ ސަރުކާރު ތަސައްރަފު ނުފުދޭކަން ކަމަށެވެ. ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ ގާނޫނަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ ތާރީހުގެ އެއް ދުވަސް ކުރިން އެ ގާނޫނަށް އަމަލު ކުރަން ނުފެންނަ ކަމަށް ނިންމުމުން ސަރުކާރުގެ ތަސައްރަފު ނުފުދޭކަން ހާމަވާ ކަމަށް އިންތި ވިދާޅުވި އެވެ.

"މާދަމާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާއިރުގައި މިއަދު ހުށަހެޅިގެން އެ ދިޔަ އިސްލާހަކީ އަނެއްކާ އަލުން ތިން މަސް ދުވަހަށް މިކަން ލަސްކުރަން. އެހެންވީމާ މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." އިންތި ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަސްކުރީ ހޭލުންތެރިވާންޖެހޭ ވަރަށް ރައްޔިތުން ހޭލުންތެރި ނުވާ ކަމަށް ބުނެ އެވެ.