އިންޑިއާގައި ދެ އަހަރު ވަންދެން ތަކުރާރުކޮށް ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ބައްޕަ އާއި ބޭބެއާއެކު ބޮޑު ބޭބެ ހައްޔަރުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެމީހުން ތަކުރާރުކޮށް ރޭޕްކުރި އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ، އޭނާގެ ސްކޫލް ޓީޗަރު ގާތު އެކަންތައް ހިއްސާކުރުމުން އެ މައްސަލަ ޕޮލިހަށް ހުށަހެޅުމުންނެވެ.

ދެ އަހަރު ދުވަސް ވީއިރުވެސް އެކުއްޖާ އެކަންތައް މީހަކާ ހިއްސާކޮށްފައިނުވަނީ އޭނާ ގަނެފައިވާ ބިރެއްގެ ސަބަބުން ކަމަށް ވެސް އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވެ އެވެ.

"އެ ކުއްޖާގެ ބައްޕަ އަކީ 50 އަހަރުގެ ދަނޑުވެރިއެއް، އޭނާ ވަނީ ތަކުރާރުކޮށް އެ ކުއްޖާ ރޭޕް ކޮށްފަ. އޭގެ ފަހުން އެ ކުއްޖާގެ ބޮޑު ބޭބެ އާއި ފަހުން އެ ކުއްޖާގެ ބޭބެ ވެސް އެކަން ކުރި ކަމަށް އަންހެން ކުއްޖާ ބުނޭ،" އިންޑިއާގެ ހުޅަނގު ބެންގަލްގެ ޖަލްޕައިގުރީ ޑިސްޓްރިކްޓުގެ ފުލުހުންގެ ތަރުޖަމާން ކޭއެލް ޝެރްޕާ ބުނެފައިވެ އެވެ.

ފުލުހުން ބުނީ، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާތީ ހަތަރު ފަހަރެއްގެ މަތިން އަމިއްލައަށް މަރުވާން މަސައްކަތްކުރި އެ ކުއްޖާ ދެ ފަހަރު ބަނޑުބޮޑުވި ކަމަށެވެ. ނަމަވެސް ގަދަކަމުން އެބޯޝަން ހެއްދުވި ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެ ކުއްޖާ ރޭޕްކުރާކަން އެކުއްޖާގެ މަންމަ އަށް އިނގޭ ކަމަށާއި އެކަން އެނގިހުރެ ވެސް ރިޕޯޓް ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އާއިލާގެ ތިން މެންބަރުންގެ ޝިކާރައަކަށްވި އެ ކުއްޖާ މިހާރު ހުރީ، އެ ކުއްޖާގެ ބޮޑު ދައިތަ ކައިރީގައެވެ.

ދިއްލީގެ ބަހެއްގެ ތެރޭގައި 2012 ވަނަ އަހަރު ގްރޫޕަކުން އަންހެނަކަށް ރޭޕްކޮށް މަރާލި ހާދިސާއަށްފަހު، އެގައުމުގެ މީޑިއާތަކާއި ސަރުކާރުގެ އިތުރުން ސިވިލް ސޮސައިޓީ ޖަމިއްޔާތަކުން ވަނީ އަންހެނުންނަށް ކުރާ އަނިޔާއާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ އެފަދަ މައްސަލަތައް ހުށަހެޅުމަށް ބާރު އަޅަން ފަށާފަ އެވެ.