މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ރާއްޖެ ގެނެސްފައިވާ ކުއްތާ ނުވަތަ ފާރެގެމައިގެ ސަބަބުން ފުލުހުންގެ މަސައްކަތައް އިތުރަށް ހަލުވި ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅުދައްކަވަމުން ސުޕްރިޑެންޓެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މާލޭގެ ގެތަށް އެތުރިފައި ހުންނަ ގޮތުން މަސްތުވާތަކެތި ހޯދުމަށް "ފިޒިކަލީ" ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ފާރަ އަޅުގަނޑުމެން އޮޕަރޭޓު ކުރާ ކުރުމުގައި އަޅުގަނޑުމެންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދޭ. ހާއްސަކޮށް އޭގެ ޑިޓެކްޝަން ރަނގަޅުވީމަ ފިޒިކަލީ އަޅުގަނޑުމެންގެ އޮފިސަރުން ވައްދައިގެން އެތަންތަން ބެލުމުގެ ބަދަލުގައި ފާރަ ވައްދައިގެން އަޅުގަނޑުމެންނަށް އިތުރު ޔަގީންކަމާއެކު އަވަހަށް މިކަން ކުރަން ވަރަށް ބޮޑު ފުރުސަތެއް ހަމަގައިމު ވެސް ލިބޭ،" ޝިފާން ވިދާޅުވި އެވެ.

ސުޕްރިޑެންޓެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން: ކުއްތާ ބޭނުން ކުރުމުން މަސައްކަތް ހަލުވި ވެއްޖެ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ފުލުހުން ފާރެގެމައިގެ ފަރިތަކުރުންތައް ކުރާތާ މިއީ ތިންވަނަ ހަފްތާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ރާއްޖެއިން ބޭރުގެ އެއްވެސް މީހެއްގެ އެހީތެރިއަކާ ނުލައި ދިވެހި ފުލުހުން އެކަމުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޝިފާން ވިދާޅުވީ ރޭ ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ވެސް ފާރެގެމަ ބޭނުންކޮށްފައި ވަނީ ދިވެހި ފުލުހުން ކަމަށް ޝިފާން ވިދާޅުވި އެވެ.

"2014 އިން ފެށިގެން 2018 އަށް ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީ ކޮށް އެ ހިދުމަތަކީ ހަރުދަނާ ހިދުމަތެއްގެ ގޮތުގައި ވަރަށް ބައިވަރު ކަންތައްތަކެއް އެކުލެވޭ ސްޓްރެޓެޖިކް ޕްލޭނެއް އެކަށައެޅޭނެ ޕްލޭނެއްގެ ދަށުން މިއަހަރުން ފެށިގެން އަންނަ އަހަރަށް އެކަށަ އަޅުއްވާފައިވާ އެކްޝަން ޕްލޭންގައި މަސްތުވާތަކެއްޗަކީ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތަށް އެކަށައަޅުއްވާ އެކަންކަމާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށްޓަކައި ފުލުހުން މި ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުން،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން ރޭ ވަނީ ފާރެގެމަ ނުވަތަ ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި އެވެ. އެ އޮޕަރޭޝަންގައި ގާތްގަނޑަކަށް 600،000 ރުފިޔާގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.