ކުއްތާ ނުވަތަ ފާރަގެމަ ބޭނުން ކޮށްގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ ފުރަތަމަ އޮޕަރޭޝަނުގައި 600،000 ރުފިޔާގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކުއްތާ ނުވަތަ ފާރެގެމަ ބޭނުންކޮށްގެން ފުލުހުން ރޭ ބަލައި ފާސްކުރީ ހ. ކާނޭޝަން ލޮޖުގެ ތިން ވަނަ ފަންގިފިލާ ކަމަށެވެ. އެ އެޕާޓުމަންޓުގެ ދެ ކޮޓަރީގައި ވެސް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް މައުލޫމާތު ލިބުނު ކަމަށާއި ނަމަވެސް ފުލުހުން ދިޔައިރު "ގިނަ އެއްޗެއްހި ފުލެޝް ކޮށްލާފައިވާ ކަމަށް" ޝިފާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފުރަތަމަ މައުލޫމާތު ލިބުނީ 300 ގުރާމުގެ ހިރޮއިން ކަމަށް ޝައްކު ކުރެވޭ ބާވަތެއް އެގޭ ކޮޓަރީގައި ފޮރުވާފައި ހުރި ކަމަށް. އަޅުގަނޑުމެން ވަން ގަޑީގައި އަޅުގަނޑުމެންގެ އަމަލުތައް ހުރި ގޮތުން އެ ގޭގެ ސިޓިން ރޫމަށް އަޅުގަނޑުމެން ވަން ގަޑީގައި އެގޭގެ އެއް ކޮޓަރީގައި ހުރި ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފުލެޝް ކޮށްލާފައި. ނަމަވެސް އަޅުގަނޑުމެންނަށް އޭގެ ތެރެއިން ދެ ޕެކެޓު ވަނީ ރިކަވާ ކުރެވިފައި،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ގދ. ތިނަދޫ އަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ފާރެގެމަ ބޭނުން ކޮށްގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކަކީ ވަރަށް ބޮޑަށް ފުލުހުންގެ އިންޓަލިޖެންސަށް ބަރޯސާ ވެގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ. ކުއްތާއަކީ ތަކެތި ހުރިކަން ނުވަތަ ނެތް ކަން ޔަގީން ކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ އޮަޕަރޭޝަން ކުރިއަށް ގެންދިޔަ ގެއިން ހޭނެތިގެން އަންހެނަކު ގެންދިޔައީ ފާރެގެމަ ނުވަތަ ކުއްތާ ފެނިގެން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާތީ އެކަން އޮޅުން ފިލުވާ ދެއްވަމުން ޝިފާން ވިދާޅުވީ އެ އަންހެން މީހާ ހޭނެތުނީ އެފަދަ ކަމެއް މެދުވެރިވެގެން ނޫން ކަމަށެވެ.

"އެ މީހަކީ ފާރެއާ އެއްވެސް ވަރަކަށް ގުޅުން ހުރި ފަރާތެއް ނޫން. އަޅުގަނޑަށް ވެސް ޕާސަނަލީ ފާހަގަކުރެވުނު ފުރަތަމަ އެގޭތެރެ ބަލަމުން ދިޔައިރުގައި ހަމަ ރަނގަޅު. މި އެއްޗެއްހިން [މަސްތުވާތަކެތި] ފެނިގެން މިހެން މި ދިމާވީ. އެެހެންވީމަ އަޅުގަނޑަށް ބޮޑަށް ފާހަގަކުރެވެނީ އެގެއިން މަސްތުވާތަކެތި ފެނިގެން މިކަން މިހެން ދިމާވީ،" ޝިފާން ވިދާޅުވި އެވެ.