ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އިންޓަނޭޝަނަލް ޖޫރިސްޓްސް ކޮމިޝަން (އައިސީޖޭ)ގެ ރިޕޯޓް ދިރާސާކުރަމުންދާ ކަމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާދަމް މުހައްމަދު މިއަދު ވިދާޅުވީ، އައިސީޖޭގެ ރިޕޯޓުން ބަލަން ޖެހޭ ކަމަށް ފެންނަ ގިނަ ވާހަކަތަކެއް ޖޭއެސްސީއާ ގުޅޭ ގޮތުން ހިމަނާފައިވާ ކަމަށާއި އެކަންކަން ބެލުމަށް ފަހު އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
އަދި އައިސީޖޭގެ ރިޕޯޓާ ގުޅޭ ގޮތުން ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މިއަދު މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން އެބަހުރި އެ ރިޕޯޓުގައި. އެ ރިޕޯޓު ދިރާސާކުރަމުން މިދަނީ. އެ ރިޕޯޓު ބަލައިފައި މީޑިއާއާ ވެސް ބައެއް ކަންތައް ހިއްސާކުރަން ޖެހިދާނެ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވި އެވެ.

އައިސީޖޭން ނެރުނު ރިޕޯޓުގައި ބުނަނީ، ޖޭއެސްސީގެ މަސްއޫލިއްޔަތުތައް ވަކި ފަރާތަކަށް ނުޖެހި، ދެފުށް ފެންނަ، މިނިވަން މުސްތަގިއްލު ގޮތަކަށް ޖޭއެސްސީން ކޮށްފައި ނުވާ ކަމަށެވެ. ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް އެކޮމިޝަނުން ކުރިއަށްގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެކޮމިޝަނުގެ ގިނަ ނިންމުންތަކުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި އެ ރިޕޯޓުގައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ޖޭއެސްސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ދެފުށް ފެންނަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އައިސީޖޭން ވަނީ ގޮވައިލައިފަ އެވެ.

އައިސީޖޭގެ އޭޝިޔާ ޕެސިފިކް ޑިރެކްޓާ ރޮޖާ ނޯމަން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތްވެސް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމާ މެދު ކަމާ ބޭހޭ ފަރާތްތަކުން ފުންކޮށް ވިސްނަންވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވާ ގޮތުގައި، 10 މެމްބަރުން ތިއްބަވައި ޖޭއެސްސީގައި ހިމެނޭ ހަތް މެމްބަރުންނަކީ ޝަރުއީ ދާއިރާއާ ނުގުޅޭ ބޭފުޅުންނަށް ވުމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފުކަމެކެވެ. އަދި ޖުޑީޝަރީ ބޮޑަށް އެކުލެވޭ ގޮތަށް ޖޭއެސްސީގެ އޮނިގަނޑު ބަދަލުނުކޮށްފިނަމަ، އެ ކޮމިޝަނުގެ މައްޗަށް އޮތް އާއްމުންގެ އިތުބާރު ގެއްލި، މައްސަލަ އިތުރަށް ގޯސްވަމުންދާނެ ކަމަށް ވެސް ނޯމަން ވިދާޅުވި އެވެ.