ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފަޒާގެ ތެރޭގައި އޭލިއަން ދިރިއުޅޭ ކަމުގެ ނިޝަންތައް ހޯދޭނެ ކަމަށް ސްޕޭސް ސައިންޓިސްޓުން ގަބޫލު ކުރާކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.

ނާސާ އިން ބުނީ، ސައިންޓިސްޓުން ދެކޭގޮތުގައި އެމީހުންގެ މެދުގައި ސުވާލުއުފެދިފައި ވަނީ، އޭލިއަން ފެނިދާނެ ކަމާމެދު ނޫން ކަމަށެވެ. ނަމަވެސް އެ އެއްޗެހި ފެންނާނީ ކޮން އިރަކުން ކަމަށް ސުވާލު އުފެދޭ ކަމަށް ނާސާއިން ބުންޏެވެ.

ނާސާގެ ޗީފް ސައިންޓިސްޓް އެލެން ސްޓޮފާން ޕަބްލިކް ޕެނަލް ޑިސްކަޝަން އެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި އޭލިއަން އުޅޭ ކަމުގެ ބޮޑެތި ނިޝާންތަކެއް ފެންނާނެ ކަމަށާއި ވަރުގަދަ ހެކިތަކެއް ހޯދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެފަދަ އެއްޗެހި ހޯދަން ބަލަން ޖެހޭ ތަންތަން އެނގޭ ކަމަށާއި އެފަދަތަކެތި ހޯދަން ބޭނުންވާ ޓެކްނޮލޮޖީ ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސައްކަތް ކުރަނީ ފެހި ކުލައިގެ "ކުދި މީހުން" ތަކެއް ހޯދަން ނޫން ކަމަށާއި އެހެން ނަމަވެސް ސައިންޓިސްޓުންގެ އެ މަސައްކަތަކީ މައިކްރޯބްތަކެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާސާއިން އަންނަނީ ވަރުގަދަ އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.