12 Apr 2015, 17:31
އދ. ފެންފުށީ ކަނޑުތޮށިލުމުގެ މަސައްކަތް 29 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، އަށް މަސް ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލު ކުރި މަޝްރޫއުގެ ދަށުން 385 މީޓަރުގެ ބޮޑު ހިލައިގެ ކަނޑުތޮއްޓެއްލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެހެން ބަނދަރު ތަކެކޭ އެއްގޮތަށް ނެރުބައްތި ޖެހުމާއި އެއްގަމު ތޮއްޓާއި ގުޅިގެން ޕޭމަންޓުލުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ބަނދަރުތެރެ ތިލަވެފައިވާ ސަރަހައްދުތައް ތިން މީޓަރަށް ފުން ކުރާ ގޮތަކަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ، އެ ކުންފުނީގެ ކެޕޭސިޓީ ހުރި މިންވަރުން މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަށް އެކުންފުނީގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ. މިހާރު ވެސް 50 މަޝްރޫއުއެއް އެކުންފުންޏާއި ހަވާލުކޮށްފައިވާއިރު، 40 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެކަމަކީ އެރަށު ރައްޔިތުން 18 އަހަރު ވަންދެން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.