12 Apr 2015, 16:58
ޕެނަމާ ސިޓީ (އެޕްރީލް 12): ޕެނަމާގެ ވެރިރަށް ޕެނަމާ ސިޓީގައި ނިމުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ބައްދަލުކުރައްވައިފިއެވެ.
ޕެނަމާގައި ކުރިއަށް ދިޔަ އެމެރިކާ ކޮންޓިނެންޓުގެ ގައުމުތަކުގެ ސަމިޓުގެ އަރިމަތީގައި ކިޔުބާގެ މިހާރުގެ ރައީސް ރައުލް ކާސްޓްރޯ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އޮބާމާ ވަނީ ކިޔުބާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވިސްނުން އެމެރިކާ މިހާރު ނުގެންގުޅޭ ކަމަށް ވިދާޅުވެ ކިޔުބާ އާ ގުޅުން ރަނގަޅު ކުރަން ފަށާފައިވާ މަސައްކަތުގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
އޮބާމާ އާއި ކާސްޓްރޯ ވެސްވަނީ މިއީ ވަރަށް ތާރީޚީ ބައްދަލުވުމެއް ކަމަށް ސިފަކުރައްވާފައެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ އާ ސަފްހާއެއް ހުޅުވިގެން ދާނެ ކަމަށްވެސް ދެބޭފުޅުން ވިދާޅުވިއެވެ.
މިއީ 1959ގައި ކިޔުބާއަށް ގެނައި ސޯޝަލިސްޓް އިންގިލާބަށްފަހު އެމެރިކާއާއި ކިޔުބާގެ ރައީސުން ރަސްމީ ގޮތެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 1959 ގައި ފިޑެލް ކާސްޓްރޯގެ ޒައާމަތުގައި ކިޔުބާއަށް ގެނައި ސޯޝަލިސްޓް އިންގިލާބުގައި ވެރިކަމުން ދުރުކުރީ ކިޔުބާގެ އޭރުގެ ރައީސަކަށް ހުންނެވި އެމެރިކާގެ މަދަދު ލިބޭ ބަތިސްތާއެވެ.
މިއިންގިލާބާއެކު ވެރިކަމަށް ވަޑައިގެންނެވި ފިޑެލްކާސްޓްރޯގެ ސަރުކާރުން ކިޔުބާގެ އިގްތިސާދީ މުއައްސަސާތައް ނެޝަނަލައިޒްކުރަން ފެށުމާއެކު އެމެރިކާއިން ކާސްޓްރޯގެ ސަރުކާރާ ޖައްސާލައި އެސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށިއެވެ.
އެންމެފަހުން އެމެރިކާއިން ކިޔުބާއާ ގުޅުންތައް ކަނޑާލީ 1961 ވަނަ އަހަރުގައެވެ. އެއަށްފަހު ކިޔުބާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށާއި ފިޑެލް ކާސްޓްރޯ އަވަހާރަ ކޮށްލުމަށް ފާއިތުވި 53 އަހަރު ތެރޭގައި އެމެރިކާ ކުރި ހަރުކަށި މަސައްކަތްތައް މުޅިން ބޭކާރުވެ ނާކާމިޔާބު ވުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެކަމަށް އެއްބަސްވެ ވަޑައިގެން ކިޔުބާއާ ގުޅުންތައް އަލުން ގާއިމް ކުރުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވާފައެވެ.
ޕެނަމާ ސިޓީގައި ނިމުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ ސަމިޓް ފެށުނުގެ ކުރިން ދެއްވި ބަޔާނެއްގައި އޮބާމާ ވަނީ އެމެރިކާގެ އަވަށްޓެރި ލެޓިން އެމެރިކާގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެ އެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގި ދުވަސްވަރު މާޒީ ވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ދެން "އެކުޅިވަރު" އެމެރިކާ ނުކުޅޭނެ ކަމުގެ ޔަގީންކަން ލެޓިން އެމެރިކާގެ ގައުމުތަކަށް ދެއްވާފައެވެ.
އޮބާމާ ވިދާޅުވީ، ލެޓިން އެމެރިކާގެ ގައުމުތަކުގެ މިނިވަންކަމަށް އަރައިގަނެ އެގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވެދެފައިވާ ކަމަށާއި ދެން އެގޮތަށް އެމެރިކާގެ އަމަލުތައް ނުހުންނާނެ ކަމުގައެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ މިނިވަންކަމަށް އަރައިގަނެ އެގައުމުތައް އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށަށް ގެނައުމަށް މާޒީގައި އެމެރިކާ ވަނީ ހަރުކަށި އެތަށް އަމަލުތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ލެޓިން އެމެރިކާގެ ގައުމުތަކުގެ ޑިމޮކްރެޓިކް ސަރުކާރުތައް އަސްކަރީ އިންގިލާބުތައް ގެނެސްގެން ވައްޓާލުމާއި އަސްކަރީ ޑިކްޓޭޓަރުން އެމެރިކާގެ ޕަޕެޓުންގެ ގޮތުގައި ބައިތިއްބައިގެން އެގައުމުތަކުގެ ގުދްރަތީ މުއްސަނދިކަން ފޭރިގަތުމުގެ އަމަލުތައް ހިމެނެއެވެ.
ޗިލީގެ ކުރީގެ ޑިކްޓޭޓަރު ޕިނޮޝޭފަދަ އެތަށް ހާސްބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ ޑިކްޓޭޓަރުންނަށް އެހީތެރިވާ ގައުމެއްގެ ގޮތުގައި އެމެރިކާ ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާއާ ދުޝްމަންވުމުގެ ވަރުގަދަ ރޫޙެއް ލެޓިން އެމެރިކާގެ ރައްޔިތުންގެ މެދުގައި އުފެދި އެމެރިކާއާއި އިދިކޮޅު ސަރުކާރުތައް ލެޓިން އެމެރިކާގައި އުފެދުމުން އެމެރިކާއަށްވަނީ މި އިސްތިއުމާރީ ދައުރު އަދާކުރުމަށް ނުކުޅެދިފައެވެ.
ކިޔުބާއާމެދު އެމެރިކާ ގެންގުޅުނު ހަރުކަށި ސިޔާސަތުވެސް ބަދަލުކޮށް އެގައުމާ ގުޅުންތައް ރަނގަނޅުކުރަން އޮބާމާ ނިންމަވާފައިވާއިރު ވެނެޒުއެލާއާވެސް ގާތްގުޅުންތައް ބޭއްވުމަށް އެމެރިކާ މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ބޮލީވިޔާއަށް އިޙްތިރާމް ކުރުމުގެ ސިޔާސަތެއްވެސް ގެންގުޅެން އެމެރިކާ ވަނީ ފަށާފައެވެ. (ނޫސްއެޖެންސީތައް)