12 Apr 2015, 15:39
މުޒާހަރާތަކަށް ނުދިޔުމަށް ޝަރުތު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ހުށަހެޅުއްވި މައްސަލައެއް ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައެވެ.
އެ ހުކުމްގައި ވަނީ ބަންދުން މީހަކު ދޫކޮށްލުމުގައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާފަދަ ޝަރުތެއް ކުރެވިދާނެ ކަމަށެވެ. ނުވަތަ ކުށެއްގެ ތުހުމަތުގައިވާ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ބުނާފަދަ ޝަރުތެއް ވެސް ކުރެވިދާނެ ކަމަށް އެ ހުކުމްގައި ވެއެވެ.
އޭގެއިތުރުން އެއިން ޝަރުތެއްގެ ދަށަށް ފެތޭފަދަ ޝަރުތެއް ކުރެވިދާނެ ކަމަށާއި ބަންދުން ދޫކޮށްލާއިރު އެނޫން ޝަރުތުތައް ކުރުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް އެ ހުކުމްގައި ވެއެވެ.
މަހުލޫފް ބަންދު ކޮށްފައި ވަނީ ހަތަރު މީހުންނަށްވުރެ ގިނަ މީހުންނާ އެކީ 30 ދުވަސް ވަންދެން މަގުމަތީގައި ނޫޅުމަށް ކުރި ޝަރުތައް އިންކާރުކުރުން ކަމަށާއި އެ ޝަރުތަކީ ގާނޫނު އަސާސީ އާއި ކަމާބެހޭ ގަވާއިދާ ޚިލާފު ޝަރުތެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.