އާ ގާނޫނުލް އުގޫބާތަށް ރައްޔިތުން ހޭލުންތެރިވެފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ނަމަވެސް ހޭލުންތެރިވާންޖެހޭ ވަރަށް ރައްޔިތުން ހޭލުންތެރި ނުވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލިސް ކުރާ ގޭގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ނިހާން ވިދާޅުވީ ގާނޫނުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ މަފްހޫމްތައް އޮޅުން ފިލާ ވަރަށް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހޭލުންތެރި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ދައުލަތުގެ ޓީވީއެއް އެބަ ހިންގަމު އިނގޭތޯ. މި މެޝިން މެދުވެރި ވެގެން ރައްޔިތުންނާ ހަމައަށް ދިޔައީ ކިތައް ފަހަރުތޯ މި ގާނޫނުލް އުގޫބާތުގައި އޮތީ ކިތައް ނުކުތާތޯ އަދި ކިތައް ވޭރިއޭޝަންތަކަށްތީ ބެހިގެން މިދަނީ އަދި ކޮންކަހަލަ އުސޫލުތަކެއްތޯ މި ގާނޫނުލް އުގޫބާތަށް އެންމެ ބޮޑަށް ކުލަވަރު ގެނެވިފައި ވަނީ. ޒަމާނުގެ ގޮތުން ބަލާނަމަ ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ވެއްޓެއް ކަމަށް ވަންޏާ ޑިމޮކްރަޓިކް ވެއްޓެއްގެ އިސްލާމިކް ޝަރިއްޔާ އެންޑު ލޯ ފުރިހަމައަށް އިމްޕުލިމެންޓު ކުރުމަށްޓަކައި އުޅޭ ދަތިތައް ރައްޔިތުންނާ ހަމައަށް އެބަ އޮޅުން ފިލުވާ ދެންޖެހޭ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް އެކަމެއް ނިމި ތަންފީޒު ކުރުމަށް ދާއިރު އެއްވެސް ކަހަލަ ދައްޗެއް އޮވެގެން ނުވާނެ ކަމަށެވެ. އިނގިރޭސި ކޮމަން ލޯގައި އޮންނަ އުސޫލަކާ ދިވެހިން ގަބޫލުކުރަމުން އަންނަ އުސޫލުތަކާ މެދުގައި އިސްލާމީ ރައުޔު ހޯދުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރެވުނުތޯ ނިހާން ވަނީ ސުވާލު އުފައްދާފައި އެވެ.

ނިހާން: ރައްޔިތުން އާ ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވަންޖެހޭ ވަރަށް ނުކުރެވޭ ކަމަށް ނިހާން ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންވީމަ މީޑިއާއިން ކުޅެންޖެހޭ ދައުރާ އަދި އޮފީހަކުން ތިމަންނާމެން މިކަން އަންގައިފީމޭ ބުނާ ބުނުން އަދި އެއީކީ މުޅިން ފުރިހަމައަށް ވެފައި އޮންނަ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި އެއީ އެޓާނީ ޖެނެރަލް އޮފީހުން ކަމުގައި ވިއަސް އަދި ސަރުކާރުގެ އެހެން އޮފީހެއް ކަމުގައި ވިއަސް އަދި ހުދު ރައްޔިތުންގެ މަޖިލިސް ކަމުގައި ވިޔަސްވެސް." ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ފަހުގެ ޓެކުނޮލަޖީއާ ފަހުގެ އިޖުތިމާއީ ވިއުގައިގެ ތެރެއިން ވެސް ބަންޑާރަ ނައިބުގެ އޮފީހާ ޓީވީ ޗެނަލްތަކާ ގުޅިގެން އެފަދަ ބޮޑު ގާނޫނެއްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.