13 Apr 2015, 10:09
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ދަ ގޭމް އޮފް ތްރޯންސް"ގެ އަލަށް ފަށާ ސީޒަންގެ ފުރަތަމަ ހަތަރު އެޕިސޯޑު އިންޓަނެޓަށް ލީކު ވެއްޖެ ކަމަށް މެޝެބަލް އިން ބުނެފިއެވެ.
މެޝެބަލް އިން ބުނާ ގޮތުގައި އެ ހަތަރު އެޕިސޯޑު މިހާރު ވަނީ ޓޮރެންޓް ސައިޓް ތަކަށް އަޕްލޯޑްކުރަން ފަށައިފަވެ. ސީރީޒްގެ ސީޒަން ފަހެއް ރޭ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު އެ "ލީކް"އާ ގުޅިގެން ހަތަރު އެޕިސޯޑް އައިސްފައިވަނީ އެއް ރޭ ކުރިންނެވެ.
ސީރީޒްގެ އެޕިސޯޑުތައް ލީކު ވެފައިވާއިރު އެފަދަ ކަމެއް ގޭމް އޮފް ތްރޯންސް އަށް ދިމާވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޖެނުއަރީ މަހު ގޭމް އޮފް ތްރޯންސް ސީޒަން ފަހެއްގެ ޓްރެއިލާ ޕްރިމިއާ ކުރި އިރު ފޯނަކުން އެ ވީޑިއޯ ކޮށްފައި އެ ލީކު ކޮށްލާފައިވެއެވެ.
އެ ހަތަރު އެޕިސޯޑު ލީކުވެފައިވަނީ ސްކްރީނަރެއް އެތަކެތި ރިވިއު ކުރުމަށް މީހަކާ ހަވާލު ކުރުމުގެ ތެރޭގައި ކަމަށް މެޝެބަލް އިން ވަނީ ބުނެފައެވެ. ލީކުވި ހަތަރު އެޕިސޯޑަކީ 480P ކޮލިޓީގައި ހުރި ވީޑިއޯތަކެއް ކަމަށްވެސް މެޝެބަލް އިން ވަނީ ބުނެފައެވެ. ނަމަވެސް އެޗްބީއޯއިން ދައްކާ އެ ސީރީޒް އާންމުކޮށް އެއާ ކުރަނީ 720P އާއި 1080P ކޮލިޓީގައެވެ.
އެޕިސޯޑުތައް ލީކު ކުރި ފަރާތުން ވަނީ އެ އެޕިސޯޓުގައި ހުރި ވޯޓާމާކްތައް ފުސްކޮށްފައި ކަމަށާއި އަދި އިތުރު އެޕިސޯޑުތަކެއް ކުރިއަށް އޮތްތާގައި ލީކު ކުރާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް މެޝެބަލްއިން ބުންޏެވެ.
ގޭމް އޮފް ތްރޯންސް އަކީ ޕައިރޭޓް ކުރުމާ ދުރު ސީރީޒެއް ނޫނެވެ. އެއާ ހިލާފަށް އެ ސީރީޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ޕައިރޭޓުކޮށް ބަލާ އެއް ސީރީޒެވެ.