22 Feb 2011, 15:40
ޕޯލެންޑް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، ޕްރޮފެސާ ޕިއޯޓަ ކްލޮޑްކޯސްކީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ޕޯލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ޕޯލެންޑާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރައްވައި، ދެ ޤައުމު އެކީގައި މަސައްކަތް ކުރެވިދާނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމުގައި ވިދާޅުވި އެވެ. އެގޮތުން ޕޯލެންޑަކީ، ޑިމޮކްރަސީ ބިނާ ކުރުމުގެ ތަޖުރިބާ ލިބިފައިވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ޕޯލެންޑްގެ ތަޖުރިބާ، ރާއްޖެއާ އެކު ޙިއްޞާކޮށް، މި ރޮނގުން ޕޯލެންޑްގެ އެހީތެރިކަން ހޯއްދެވުމާ ބެހޭ ގޮތުން ޕޯލެންޑުގެ އާ ސަފީރާ މަޝްވަރާ ކުރެއްވި އެވެ.
މީގެއިތުރުން، ޕޯލެންޑާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒާ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވި އެވެ.