12 Apr 2015, 14:58
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގެ ފައިނަލަށް ޕޮލިސް ކްލަބާއި ކްލަބް އިމިގްރޭޝަން ދަުތުރު ކޮށްފިއެވެ.
އެ މުބާރާތުގެ ފައިނަލަށް ޕޮލިސް ދަތުރުކުރީ ރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްގެނެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅުނު އެމެޗު ޕޮލިސް ކާމިޔާބު ކުރީ 2-6 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލިސްގެ ބިދޭސީ ކުޅުންތެރިޔާ ކަތުން ސަބީނާ ވަނީ މެޗުގައި އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ސަބީނާގެ އިތުރުން އެ ޓީމްގެ އައިމިނަތު ފަޒްލާ ވަނީ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ޕޮލިސްގެ އާގިލާ ހާމިދުވެސް ވަނީ މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. އެ މެޗުގައި ޑީއެސްސީގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފާތިމަތު ސާލިޔާ އާއި އައިމިނަތު ޒާހިޔާ އެވެ.
ވިމެންސް ފުޓްސެލް ފިއެސްޓާގެ ފައިނަލްގެ ދެވަނަ ޖާގަ ކްލަބް އިމިގްރޭޝަން ކަށަވަރު ކުރީ އިއްޔެ ހަވީރު ކުޅުނު ސެމީގައި އެސްޓީއޯގެ އަންހެން ޓީމާ ވާދަކޮށް، ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިމިގްރޭޝަންގެ ފަދުވާ ޒާހިރު ވަނީ މެޗުގައި އެ ޓީމަށް ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމްގެ ބާކީ ދެ ލަނޑު ކާމިޔާބު ކުރީ އިމިގްރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލިޔަސަރީ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ފިރެހެން ބައިން ފައިނަލަށް ދަތުރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗުތައް ކާމިޔާބު ކުރި އެސްޓީއޯ އާއި އެލައިޑް އެވެ. މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު މި މަހުގެ 17 ވާ ހުކުރު ދުވަހު ކުޅެން ހަމަޖެހިފައި ވާއިރު، ފިރެހެން ބައިގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ 18 ވާ ހޮނިހިރު ދުވަހު އެވެ.