12 Apr 2015, 13:49
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްވީ 43 މެމްބަރުންގެ ވޯޓުން ނެވެ. ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެއީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ. މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި އާ ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތަސްދީގު ކުރާތާ އެއް އަހަރު ފަހުންނެވެ. އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.
ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުތައް ދިރާސާ ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ގައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ދެ މެންބަރުން ފިޔަވައި ހުރިހާ މެންބަރުން ވަނީ ގާނޫނުލްއުގޫބާތަށް އަމަލުކުރުން ފަސް ކުރުމަށް ތާއީދު ކުރައްވާފަ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު 'ސަން' އަށް ވިދާޅުވީ ގާނޫނުލްއުގޫބާތުގެ ބޭނުމަކީ ބަޔަކު ހައްޔަރުކުރުން ނޫން ކަމަށާއި، ގާނޫނުލްއުގޫބާތައް އަހުލުވެރިވުމަށް ރައްޔިތުންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނަ ރައްޔިތުންތަކަކަށް ގާނޫނުލްއުގޫބާތު ރަނގަޅަށް ނޭންގި ނުހައްގުން އަނިޔާތަކެއް ލިބިގެން ދިއުމަކީ އިސްސާފަކަށް ނުވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވާއިރު ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާ ޚިލާފު ގާނޫނެއް ކަމަށް ޖަމްއިއްޔަތުލް ސަލަފުން ވެސް ވަނީ ބުނެފައި އެވެ. ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތު އެކުލަވާލާފައި ވަނީ، އިސްލާމީ ޝަރީއަތުގެ އެއް އަސްލު ކަމަށްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް މުޅިން ދޫކޮށްލައިގެން ކަމަށެވެ.
ގާނޫނުލް އުގޫބާތަށް މީހުން ދައުލަތުގެ މުއައްސަސާތަކާއި އެކި ފަރާތްތައް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ ގާނޫނުލް އުގޫބާތައް ރައްޔިތުން އަހުލުވެރިކުރުވުމަށް އިތުރު ވަގުތު ބޭނުން ނުވާ ކަމަށާއި ރައްޔިތުން ތިބީ އެ ގާނޫނަށް ތައްޔާރުވެފައި ކަމަށެވެ.