ސްޓުޑެންޓް އެސޯސިއޭޝަން އޮފް ކްލިކް ކޮލެޖް (އެސްއޭސީސީ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ 12 ވަނަ ކްލިކް ކޮލެޖް ކަޕް ފުޓްސެލް މުބާރާތުގެ އަންހެން ބައިގެ ޗެންޕިއަންކަން ޑެޒްލިންގް ސްޓާސް އަދި ފިރެހެން ބައިގެ ޗެންޕިއަންކަން ޑީޑީއެލްޖޭ ހޯދައިފިއެވެ.

ވިލިނގިލި ވެލިދަނޑުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފިރެހެން ބައިގެ ޗެންޕިއަންކަން ޑީޑީއެލްޖޭ ހޯދިއިރު، އެ މުބާރާތުގެ ފިރެހެން ބައިން އެންމެ ގިނަ ލަނޑު ޖެހިހ ކުޅުންތެރިޔާގެ މަގާމް ހޯދީ އެފްސީ ޕެކޭޖް ޓީމުގެ ނަސީތު މުހައްމަދު އެވެ.

އޭގެ އިތުރުން އެ މުބާރާތުގެ ފިރެހެން ބައިން މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ ޑީޑީއެލްޖޭގެ އިސްމާއިލް އަލީފް އާއި އިބްރާހިމް ނާސިއުގެ އިތުރުން އަހުމަދު ހުޝާމްގެ އިތުރުން، އެފްސީ ޕެކޭޖްގެ ނަސީތު މުހައްމަދު އާއި އެދުރު އެފްސީގެ އިބްރާހިމް ސުހެއިލް އެވެ. އަދި ފިރެހެން ބައިން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އަހުމަދު މަލްދާން ހާޝިމް އެވެ.

އެ މުބާރާތުގެ އަންހެން ބައިގެ ޗެންޕިއަންކަން ޑެޒްލިނގް ސްޓާސް ހޯދި ނަމަވެސް، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ ޓީމް ފެންވައިރޮމެންޓްގެ ފާތިމަތު ރުކްޝާނާ އެވެ. އަދި މުބާރާތުގެ އަންހެން ބައިން އެންމެ މޮޅު ގޯލް ކީޕަރަކަށްވެސް ހޮވުނީ އެ ޓީމްގެ އައިމިނަތު އަބްދުއް ރަހީމް އެވެ.

މުބާރާތުގެ އަންހެން ބައިން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޑެޒްލިންގް ސްޓާސްގެ އިނާސާ އަބްދުއްރަހީމް އާއި އައިމިނަތު ޖުނާމާގެ އިތުރުން، ޓީމް ފެންވައިރޮމެންޓްގެ ފާތިމަތު ރުކްޝާނާ އާއި ޝަޒްރާ އަބްދުއް ރަހީމް އަދި ޕަވަރ ޕަފް ގާލްސްގެ އަމާނީ އަހުމަދު އެވެ.

މި އަހަރުގެ ކްލަކް ކޮލެޖް ކަޕްގައި އެ ކޮލެޖްގެ ސްޓާފުންގެ ޓީމަކާއި ލެކްޗަރާއިންގެ ޓީމެއްގެ އިތުރުން، ފަސް އަންހެން ޓީމާއި އަށް ފިރެހެން ޓީމާއެކު މުޅި ޖުމްލަ 14 ޓީމު ވަނީ ވާދަކޮށްފައެވެ. އަދި އެ މުބާރާތުގެ ކުޅުނު 26 މެޗުގެ އިތުރުން، މުހިއްދީން ސްކޫލާއި ކުޑަކުދިންގެ ހިޔާގެ 14 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ވަނީ އެކްޒިބިޝަން މެޗެއް ކުޅެފައެވެ.