12 Apr 2015, 13:49
ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ވިލާ ޝިޕިން އެނޑް ޓްރޭޑިންއަށް ދޫކޮށްފައިވާ ތ. އެލާ، ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށް ފޮނުވި ލިޔުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިއަދު ނިންމި ނިންމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވިލާއިން އެދިފައިވާއިރު، އެކުންފުނިން އެދިފައިވާގޮތަށް އެ މައްސަލާގައި ހުކުމް ކުރެވުނު ނަމަވެސް، އެކުންފުންޏަށް ލިބޭނެ ކަމަށް ބެލެވެނީ މާލީގެއްލުންތަކެއް ކަމަށެވެ.
އެފަދަ ގެއްލުންތަކަކީ އަދުލުވެރިގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުމެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ. އަދި އެ އަމުރު ނެރެފިނަމަ އެ މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުގައި ވެއެވެ.
އެ މައްސަލައިގައި މިއަދު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާފައިވާއިރު، ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވީނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ދާދިފަހުން ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.