22 Feb 2011, 15:22
މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުން ހިމެނޭ ފަސް ދާއިރާގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާއްމުކޮށް، ވޯޓުލާތަން ބަދަލުކުރުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އަލުން އިންތިހާބު ބާއްވަނީ އެ ފަސް ދާއިރާ އިން ވެސް އެއްވަރަކަށް ވޯޓު ހޯދި ކެންޑިޑޭޓުންގެ މެދުގަ އެވެ. އޭގެ ތެރޭގައި ދެ ކެންޑިޑޭޓުން އެއްވަރުވި ބ. ކިހާދު އާއި ގއ. ކޮލަމާފުއްޓާއި ހދ. ކުމުންދޫގެ އިތުރުން މ. ވޭވަށާއި ތިން ކެންޑިޑޭޓުން އެއްވަރުވި ރ. ދުވާފަރު ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ މިހާރު ވަނީ އިލެކްޝަންސްގެ ވެބްސައިޓްގަޔާއި އެ ރަށްރަށުގެ ރަށު އޮފީސްތަކުން އާންމުކޮށްފަ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަންނަ މާޗް މަހުގެ 12 ވަނަ ދުވަހު ބާއްވާ ކައުންސިލް އިލެކްޝަންސްގެ ދެ ވަނަ ބުރުގައި ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
"މި ލިސްޓުގައި ނުހިމެނޭނެ ކުރިން ވޯޓުލާން ރަޖިސްޓްރީ ނުކުރާ މީހަކު. މިއީ ހަމަ ކުރީގެ ލިސްޓު. މީގައި އަޅުގަނޑުމެން ހިމަނައިފަ ވާނީ ފެބްރުއަރީ 5 އަށް 18 އަހަރު ފުރޭ މީހުން. އެއީ މިއީ އާ އިންތިހާބަކަށް ނުވާތީ. ހަމަކުރީ އިންތިހާބުގެ ދެވަނަ ބުރު މިއީ." އޮފިޝަލު ވިދާޅުވި އެވެ.
އެހެންނަމަވެސް، މި މަހުގެ 5 ގައި ބޭއްވި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް އިން މިއަދު ވަނީ ހުޅުވައިލައިފަ އެވެ.
އެގޮތުން މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި ކަމަށް އިލެކްޝަންސް އިން ބުނެ އެވެ. އިލެކްޝަންސް އިން ބުނަނީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން ވޯޓުލާ ތަން ބަދަލުކުރަން ބޭނުންނުވާ ނަމަ، އެ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް، އެ ކޮމިޝަނުން ބުނީ، ވޯޓުލާ ފަސް ދާއިރާގަ އާއި މާލެ ފިޔަވައި އެހެން ތަންތަނުގައި ވޯޓު ފޮއްޓެއް ބެހެއްޓޭނީ އެތަނެއްގައި މަދުވެގެން 50 މީހުން ރަޖިސްޓްރީވުމުން ކަމަށެވެ.