12 Apr 2015, 15:14
އަމިއްލަ ފަރާތްތަކާއި ގުޅިގެން އިޔާދަކުރެނެވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށައިފިއެވެ. ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ އެންވާރަމެންޓު މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.
'އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމެންޓް އިން ރިިނިއުބަލް އެނާޖީ' (އެސްޕަޔާ) ޕްރޮގްރާމްގެ ދަށުން ކުރިޔަށްގެންދާ މި މަޝްރޫއު އަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ ޖޫން މަހު ހުޅުވާލާނެ ކަަމަށް މި ރަސްމިއްޔާތަށް ފަހު ތާރިގް މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިޔަށްދާނެ ގޮތަކީ އަމިއްލަ ފަރާތްތަކުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓްތައް ހިންގުމުން އެ ފަރާތްތަކުން އުފަައްދާ ކަރަންޓް ސްޓެލްކޯއިން ގަންނަ ގޮތަށް ކަމަށް ތާރިގް ވިދާޅުވިއެވެ.
"ޕްރައިވެޓް އިންވެސްޓާސް އަގެއް ހުށަހަޅަން މިޖެހެނީ ކީލޯ ވޮޓް އަވާ އެއް ކިހާ ވަރަކަށްތޯ ވިއްކާނީ. ދެން އަޅުގަނޑުމެން ސަރުކާރުން މި ޔަގީންކޮށްދެނީ ވިހި އަހަރު ދުވަސް ވަންދެން އަޅުގަނޑުމެން ގަންނާނަމޭ ސްޓެލްކޯއަށް،" ތާރިގް ވިދާޅުވިއެވެ.
މި މަޝްރޫއަށް އިންވެސްޓްކުރާ ފަރާތްތަކުން ފައިސާދައްކާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާނެ ކަަމަށް ތާރިގް ވިދާޅުވިއެވެ.
" ގެރަންޓީސް ތަކެއް މިދެނީ އިންވެސްޓާސް އަށް. އޭގެ ތެރޭގަ އެއްމެ މުހިއްމު ގެރަންޓީ އަކީ ޕޭމަންޓްގެ ގެރަންޓީ. މިސާލަކަށް ސްޓެލްކޯއިން ޕޭމަންޓްގެ މައްސަލައެއް ޖެހިގެން ޕޭމެންޓް ނުދެއްކުނު ނަމަވެސް ވޯލްޑް ބޭންކު ތްރޫކޮށް އެ ޕޭމެންޓް އެ އިންވެސްޓާ އަށް ލިބޭނެ" ތާރިގް ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަމާޒަކީ އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ދިމާވާ ރިސްކު ކުޑަކޮށް އެ އިންވެސްޓްމެންޓްތަކަކީ އިންވެސްޓަރުން ބަލައިގަންނަ ކަމަކަށް ހެދުން ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގައި 2.5 މެގަ ވޯޓްގެ ސޯލާ އެނާޖީ އަދި ހުޅުމާލޭގައި 1.5 މެގަ ވޯޓްގެ ސޯލާ އެނާޖީ އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ތާރިގް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ޖުމުލަ އަގަކީ 200 މިލިއަން އެމެރިކާ ޑޮލަރު ކަަމަށް އެންވާރަމެންޓު މިނިސްޓްރީން ބުންޏެވެ.