ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް ބިނާކޮށް މެނޭޖްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހޮސްޕިޓަލް އިމާރާތް ކުރުމާއި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުމާއި މެނޭޖްމަންޓް އެއްބަސްވުމުގައި ޓްރީޓޮޕް އިންވެސްޓްމަންޓުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުމަދު ނަޒީރެވެ.

ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ އަލައިކް ޓާމަކްސްއާ އެވެ. އަދި ހޮސްޕިޓަލު މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަމްސޭ ސިމް ޑާބީއާ އެވެ.

ޓްެރީ ޓޮޕް އިންވެސްޓްމެންޓް އަކީ ރާއްޖޭ އާއި ބޭރުގެ ކުންފުިތަކެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ޓްރީ ޓޮޕް އިންވެސްޓްމެންޓްގައި ހިއްސާވާ ރާއްޖޭގެ ކުންފުނިތަކަކީ ޗަމްޕާ ބްރަދާސް އާއި ކްރައުން ކޮމްޕެނީ އާއި ކާސާ ހޯލްޑިންގްސް އާއި ކުރެއްދޫ މޯލްޑިވްސް ހިމެނެއެވެ.

ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް ބިނާކޮށް މެނޭޖްކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭވި ރައްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ: ފާތިމަތު ސައީދު

ޗަމްޕާ ބްރަދާސްގެ ޗެއާމަން ހުސައިން އަފީފު ވިދާޅުވީ، ހަމަ އެކަނި ހޮސްޕިޓަލުގެ އިމާރާތަށްވެސް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވެގެންދާނެ ކަމަށާއި، އަދި ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމިގެންދާއިރު އެއަށްވުރެވެސް އިތުރުވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޖުމްލަ 159 އެނދުގެ އެ ހޮސްޕިޓަލު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ބްލޮކަކަށެވެ. އެގޮތުން ބަލިމީހުންނާއި ގުޅުހުރި ހުރިހާ މަސައްކަތަކަށް އެއް ބްލޮކް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް އަނެއް ބްލޮކް ހާއްސަކުރެވިގެންދާނެ ކަމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން ބުންޏެވެ. އޭގެ އިތުރުން ބަލިމީހާ އެޑްމިޓް ކުރާ ހިސާބުން ފެށިގެން އާއިލާގެ މެންބަރުންނަށްވެސް އެކޮމޮޑޭޝަން ހަމަޖެހޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް ބިނާކޮށް މެނޭޖްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ: ފާތިމަތު ސައީދު

މިހާރު ރާއްޖޭން ފަރުވާ ލިބެން ނެތް ބޮޑެތި ބަލިތަކަށްވެސް ފަރުވާ ލިބޭގޮަތަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެ ހޮސްޕިޓަލު އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 2016 ނޮވެމްބަރުގައެވެ. އަދި ހޮސްޕިޓަލު ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 2017 މާޗު އެއްވަނަ ދުވަހެވެ.