12 Apr 2015, 13:29
ރާއްޖޭގައި މާދަމާ އަމަލުކުރަން ފަށާ، އާ ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާ ހިލާފު ގާނޫނެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.
ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތު އެކުލަވާލާފައި ވަނީ، އިސްލާމީ ޝަރީއަތުގެ އެއް އަސްލު ކަމަށްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް މުޅިން ދޫކޮށްލައިގެން ކަމަށެވެ.
"...މިޤާނޫނަކީ އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ދިވެހި ރައްޔިތުންނަށް ދައްކުވައިދޭން ބަޔަކު މަސައްކަތް ކުރިޔަސް، މިއީ އިސްލާމީ ޝަރީއަތުގެ އަސްލުތަކަށް އެއް ވެސް ފަރުވާލެއް ނުބަހައްޓައި، ޖިނާއީ ޢަދުލުތުގެ ވަޟްއީ ނިޒާމުތަކުގެ އުސޫލުތަކަށް ބަރޯސާވެ އެކުލަވައިލުމަށް ފަހު އެތަން މިތަނުގައި އިސްލާމީ ޝަރީއަތުގެ ކުލަ ޖައްސައި، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ރައްޔިތުންނަށް އޮޅުވާލައި، އެޝަރީއަތުގެ އަސްލު ނަގާލަން މަސައްކަތްކޮށްފައިވާ ގާނޫނެއްކަން ފާހަގަ ކުރަމެވެ،" ބަޔާނުގައި ވެއެވެ.
ގާނޫނުލް އުގޫބާތުގައިވާ އިސްލާމީ ޝަރީއަތާ ހިލާފު ކަންތައްތައްކަމުގައި ސަލަފުން ގަބޫލުކުރާ ގިނަ ކަންތައްތަކެއް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއްކަމަކީ އިސްލާމީ ޝަރީއަތުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތައް ކަމަށްވާ ވައްކަމާއި ޙަރާބާއާއި މުރުތައްދުވުން ފަދަ ކަންކަމުގެ، ހައްދުގެ އަދަބު ގާނޫނުލް އުގޫބާތުގައި ނުވާކަން ސަލަފުން ފާހަގަކޮށްފައި ވެއެވެ.
ގާނޫނުލް އުގޫބާތު އިސްލާމީ ޝަރީއަތާއި ހިލާފަށް ހަދާފައި ވާތީ ކުށްވެރިން ސަލާމަތް ވުމަށް ފަސޭހަ މަގުތަކެއް އޮތުމާއި އެކުގައި ވެސް އިންސާނިއްޔަތާއި ހިލާފު މިންގަނޑުތަކެއް ވެސް ގާނޫނުލް އުގޫބާތުން ދެވެން އޮތްކަން ސަލަފުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިސްލާމީ ޝަރީއަތުގައި މީހަކަށް މަރުގެ އަދަބު ނުދެވޭ ފަދަ ހާލަތްތަކެއްގައި މަރުގެ އަދަބު ދެވޭ ގޮތަށް އޮތްކަމަށް ސަލަފުން ބުނެފައި ވެއެވެ.
"... އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބުދޭން ޙައްޤުނޫން މަޙައްލުތަކެއްގައި މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައި، އިންސާނިއްޔަތާ ޚިލާފު ހަރުކަށި މިންގަނޑުތަކެއް މިޤާނޫނުން ނަގަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ." ސަލަފުގެ ބަޔާނުގައި ވެއެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށަން ޖެހެނީ މާދަމާ ކަމަށް ވާތީ އެ ގާނޫނަށް އަމަލު ކުރުން ތިން މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެމައްސަލައަށް މަޖިލީހުގައި ވޯޓަށް އެހުން އޮތީ މިއަދު މެންދުރުފަހު އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ދަނީ އަޑު އުފުލައި އިހުތިޖާޖު ކުރަމުންނެވެ.