12 Apr 2015, 13:25
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުން އަދި ހާއްސަކޮށް ސްޓޭޝަން އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަކީ ނަޒާހަތްތެރިކަން ކުރިއަށް ނެރެގެން އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފި އެވެ.
ފުލުހުންނަށް ހާއްސަކޮށް ދެ ކޯހެއް ފެށުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއައިސީގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ އަދުލު އިންސާފު ލިބިދިނުމުގައި އެންމެ ބޮޑު ޒިންމާ އަދާކުރަން ޖެހޭ ބަޔަކީ އިންވެސްޓިގޭޝަން އޮފިސަރުން ކަމަށާއި އެކަން ބިނާވެފައި އޮންނަނީ އެ އޮފިސަރުންގެ ނަޒާހަތްތެރިކަމުގެ މައްޗަށް ކަމަށެވެ.
"ނަޒާހަތްތެރިކަމަކީ ތިމާ އެހެންމީހުންގެ ތެރޭގައި އުޅޭ އިރު ނުވަތަ އެހެންމީހުންނަށް ފެންނަ ތަންތަނުގައި ރަނގަޅަށް އުޅުމެއް ނޫން. ނަޒާހަތްތެރިކަމަކީ އެއްވެސް މީހަކަށް ނުފެނުނަސް، ދުވަހަކު ވެސް ފަޅާނޭރިޔަސް، ދުވަހަކުވެސް އެއްވެސް މީހަކަށް ނޭނގޭނެކަމުގެ ޔަގީންކަން އޮވެމެ ރަނގަޅަށް އުޅުން. އެއީ ނަޒާހާތްތެރިކަމަކީ،" ސަރީރާ ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ކުރިއަށް ނެރެގެން އަދުލު އިންސާފަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ،" ސަރީރާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ފުލުހުން: ފުލުހުންނަކީ ނަޒާހަތްތެރިކަން ކުރިއަށް ނެރެންޖެހޭ ބައެއް ކަމަށް ސަރީރާ ވިދާޅުވި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ ޕޮލިސް ސްޓޭޝަން އިންޗާޖުންނާއި މައްސަލަ ތަހުގީގުކުރާ ފުލުހުންނަކީ ނުވަތަ އިންވެސްޓިގޭޝަން އޮފިސަރުންނަކީ ފުލުހުންގެ މުއައްސަސާގެ "މޫނުމަތި" ކަމަށެވެ. އަދި ތަނުގެ އަގު ވެއްޓި ރައްޔިތުންގެ ކުރިމަތީގައި ތަނުގެ އިތުބާރު ގެއްލުމުގައި ވެސް ސްޓޭޝަން އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މުޅި މުއައްސަސާ ބަރޯސާވާ ކަމަށް ސަރީރާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރީރާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންނަށް އަދުލު އިންސާފު ލިބިދިނުމުގައި އެންމެ މުހިންމު ދައުރެއް ކުޅޭ މުއައްސަސާ ކަމަށެވެ. އެހެންކަމުން އެއްވެސް ފުލުހަކު އެކަން ހަނދާން ނައްތާނުލައި ރައްޔިތުންނަށް އަދުލު އިންސާފު ލިއްބައިދިނުމުގައި އިހުލާސްތެރިކަމާ އެކު ދެމިތިބުމަށް ހުރިހާ އޮފިސަރުންނަށް ސަރީރާ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.