ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްސަ ކޯހަކާއި ސްޓޭޝަން މެނޭޖްމަންޓްގައި ހަރަކާތްތެރިވާ ފުލުހުންނަށް ޚާއްސަކޮށްގެން ދެ ކޯހެއް މިއަދު ފަށައިފިއެވެ.

"އިންވެސްޓިގޭޝަން އޮފިސާސް ކޯސް" އަދި "ސްޓޭޝަން މެނޭޖްމަންޓް ކޯސް" ފެށުމަށް މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީއައިސީގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް ވާހަކަފުޅުދައްކަވަނީ ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ކޯސްތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެ ދެ ކޯހަކީ ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓު ސްޓަޑީޒް އިން ވަރަށް އިސްކަމެއްދީގެން ހިންގަމުން އަންނަ ދެ ކޯސް ކަމަށެވެ. އެގޮތުން އިންވެސްޓިގޭޝަން އޮފިސަރުންގެ ކޯސް ދެ ހަފްތާގެ މުއްދަތަށް މީގެކުރިން ހިންގިނަމަވެސް މިހާރު އެކޯސް ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގަން ނިންމާފައިވާ ކަމަށާއި މެނޭޖްމަންޓް ކޯހުގެ މުއްދަތަކީ ތިންމަސް ދުވަސް ކަމަށް ނަވާޒު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވާހަކަފުޅު ދައްކަވަނީ ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން މި ކޯސްތަކުގެ މުއްދަތު އިތުރުކޮށްފައި މިވަނީ އިންޓަނޭޝަނަލް ލެވެލްގައި މި ކޯސްތައް ހިންގަމުން އަންނަ ކަރިކިއުލަމްތަކަށް ބަލައިގެން އަދި ދިވެހިރާއްޖޭގެ މާހައުލަށް ބަލައި ފަރުމާކުރެވިގެން. އޭގެ އިތުރުން މުއްދަތުގައި ކޯހުގެ ބައިވެރިންނަށް އަޅުގަނޑުމެން ފީލްޑް އެކްސްޕީރިއަންސާއި ރިސާޗް ބޭސްޑް އެސެސްމެންޓްތަކާ އެއްޗެހި ހުންނާނީ އިތުރުކޮށްފައި،" ނަވާޒް ވިދާޅުވި އެވެ.

މިއަދު ފެށި ދެ ކޯހުގެ ތެރެއިން 26 ވަނަ އިންވެސްޓިގޭޝަން އޮފިސާސް ކޯހުގައި ޖުމްލަ 44 އޮފިސަރުން ބައިވެރިވި އެވެ. އަދި 19 ވަނަ ސްޓޭޝަން މެނޭޖްމަންޓް ކޯހުގައި ޖުމްލަ 30 އޮފިސަރުން ބައިވެރިވި އެވެ. ކޯހުގެ ބައިވެރިންގެ ތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ އޮފިޝަލުން ވެސް ހިމެނެ އެވެ.