ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ޒަޚަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ އަންހެން މީހާގެ ގައިގައި ޖެހިފައި ވަނީ ހުޅުމާލޭ ނިރޮޅުމަގުން ހެނދުނު 8:30 އެހާކަންހާއިރު ދުއްވާފައިދިޔަ ސައިކަލެއް ކަމަށެވެ. އަންހެން މީހާގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ހިނގާފައި ވަނީ އޭނާ މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.