ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒާ ހިސޯރު ކުރުމުން ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ ޖަލްސާ މިއަދު މެދުކަނޑާލަން ޖެހުނީ މަޖިލީހުގެ އަމީން އާންމުގެ އިތުރުން އިދާރީ މޭޒުގައި ތިއްބަވާ އެހެން ބޭފުޅުންވެސް އިށީނދެވަޑައިގަންނަވާ ގޮނޑިތައް އެމްޑީޕީގެ މެންބަރުން ހިސޯރުކުރުމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައިވާއިރު މަޖިލީހުގެ މަސައްކަތެއްގެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައި ވަނީ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓާ މެދު ބަހުސްކުރުމެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާ ފެށިގެން ދިޔައިރު ވެސް އެ ކަމަށް ބަހުސްކުރާނެ އެއްވެސް މެމްބަރަކު އެދިފައިއެއް ނުވެ އެވެ.

މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރީގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް މަޑުކޮށްލައިގެން: ފޮޓޯ/ ޓުވީޓާ

އެހެންކަމުން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ ދެން އޮންނާނީ މިއަދުގެ މެންދުރު 1:30 ގައި ވޯޓަށް އެހުން ކަމަށެވެ.

ގާނޫނުލް އުގޫބާތަށް އަމަލުކުރުން ކޮމިޓީން ފަސްކޮށްފައިވާއިރު ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ އެ ގާނޫނަށް އަމަލުކުރަން ފަށަންޖެހޭ ދުވަހެވެ. އެހެންނަމަވެސް ކޮމިޓީން ފާސްކުރީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ތިން މަސް ދުވަހަށް ފަސްކުރުމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން މިއަދު މަޖިލީހުގައި އަނެއްކާ ވެސް އިހުތިޖާޖު ކުރަން ފަށާފައި މިވަނީ މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރުމަށް ކަމަށް ބުނެ މަޖިލީހުގައި އިހުތިޖާޖު ކުރުން ހުއްޓާލުމަށްފަހުއެވެ.