ހުޅުމާލޭ ހިއްކި ސަރައްހައްދުން ނަގާފައިވާ މުރަކަތައް ވިލިމާލޭ ފަޅުގައާއި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އިންދުމަށްޓަކައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ސޭވް ދަ ބީޗް މޯލްޑިވްސްގެ މެނޭޖަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

'ވަން ނޭޝަން ކޮރަލް ރިވައިވަލް' ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ފަށާނީ މިއަހަރުގެ ތިމާވެށީގެ ދުވަސް ކަަމަށްވާ ޖޫން ފަހެއްގައި ކަމަށް ހަސަން އަހުމަދު ވިދާޅުވިއެވެ. އަދި މި ހަރަކާތް ޖޫން ހައެއްގައި ވެސް ކުރިޔަށްދާނެ ކަަމަށް ހަސަން ވިދާޅުވިއެވެ. މި ދެދުވަހު ހެނދުނުން ފެށިގެން ރޭގަނޑު އެގާރަޔަށް ހަރަކާތްތައް ކުރިޔަށްގެންދާނެ ކަަމަށް ހަސަން ވިދާޅުވިއެވެ.

" ގާތްގަނޑަކަށް އޭރިއާވައިސްކޮށް ބުނަންޏާ ސަތޭކަ ނުވަތަ ދުއިސައްތަ މީޓަރުގެ ސަރަހެއްދެއްގައި ކޮރަލް ފްރޭމް ކުރާނެ. ފްރޭމްގައި ކޮރަލް އިންދާނީ ކަނޑުއަޑީގެ ބަގީޗާއެއްގެ ގޮތަށް. ވިލިނގިއްޔަކީ ގްރީން ރަށެއް އެހެންވީމާ ގަސް އެކަންޏެއް ނޫން މުރަކަވެސް އާލާކޮށް މުރަކަ އިންދަން މިއުޅެނީ،" ހަސަން ވިދާޅުވިއެވެ.

ވަންނޭޝަންކޮރަލް ރިވައިވަލް އަކީ މިހާތަނަށް މުރަކަ އިންދުމަށް ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު ހަރަކާތް - ފޮޓޯ: ސޭވް ދަ ބީޗް މޯލްޑިވްސް

ހަސަން ވިދާޅުވީ، އެ ޖަމިއްޔާއިން ކުރި ދިރާސާތަކުން އެނގޭގޮތުގައި މުރަކައާއި ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތު ވަރަށް މަދުކަމަށެވެ. އެހެންކަމުން މުރަކަ އަދި ރާއްޖޭގެ ތިމާވެށްޓާއި ގުޅޭ ތަފާތު މައުލޫމާތުދީ ހޭލުންތެރިކުުރުމުގެ މަސައްކަތްވެސް މި ހަރަކާތް ކުރިޔަށްދާއިރު އޮންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މެރިން ބައޮލޮޖިސްޓުން، ރިސޯޓްތަކުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތުދީ މީހުން ހޭލުންތެރިކުުރުވުމުގެ މަސައްކަތްކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މުރަކަ އިންދުމަށް މިހާތަނަށް ރާއްޖޭގައި ހިންގާ އެއްމެ ބޮޑު ހަރަކާތް ރާއްޖޭން ބޭރުގައި ޕްރޮމޯޓް ކުުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް އާސިމް ވިދާޅުވިއެވެ.

އެޕްރިލް ތިނަކުން ފަހަކަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި 'މެރިން ޑައިވް ފެއާ 2015"ގައި އެމްއެމްޕީއާރުސީން ވަނީ މުރަކަ އިންދުމަށް ބާއްވާ ހަރަކާތް ޕްރޮމޯޓްކޮށްފައެެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބޭރުގެ މީޑިއާ ވެސް މި ހަރަކާތަށް ގެންނަށް. މާލެ ކައިރި ރަށްރަށުގެ ތިބި ފަތިރުވެރިން އެ ހަރަކާތް އޮންނަ ދުވަހު މާލެ ގެންނަން އަޅުގަނޑުމެން މި ވިސްނަނީ މި ހަރަކާތް ދައްކަން،" އިބްރާހިމް އާސިމް ވިދާޅުވިއެވެ.

މުރަކަ އިންދުމުގެ ހަރަކާތްކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިމާވެށްޓާ ބެހޭ ވުޒާރާއާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި މެރިން ރިސާޗް ސެންޓަރާއި އެމްއެމްޕީއާރުސީ އާާއި ޑައިވާސް އެސޯސިއޭޝަން ގުޅިގެންގެންނެވެ.

މުރަކަ އިންދުމުގެ ހަރަކާތް ކުރިޔަށްދާއިރު ސްނޯކްލިން ފަދަ އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.