ސްޕެނިޝް ލީގުގައި ރޭ އެއިބާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބު ކުރިއިރު، ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-2 އިން އެއްވަރު ވުމުން، ތާވަލްގެ އެއްވަނައިގައި ބާސާ ދަމަހައްޓަމުން ދިޔަ ހަތަރު ޕޮއިންޓުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ރެއާލަށް މިހާރު ވަނީ މިހާތަނަށް މުޅިއެކު 73 ޕޮއިންޓް ލިބިފައެވެ. އެ ޓީމް ތާވަލްގެ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި ބާސާ އޮތީ 75 ޕޮއިންޓާއެކު އެވެ. އަދި ތާވަލްގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އޮތީ ރެއާލަށް ވުރެ ހަތް ޕޮއިންޓް ދަށުގައެވެ.

ރޭ ސެވިއްޔާއާ ދެކޮޅަށް ބާސާ ކުޅުުނު މެޗުގައި، އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ސެވިއްޔާ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ދެ ލަނޑުގެ ލީޑެއް ބާސާ ނަގާފައި ވަނިކޮށް ފަހަތުން އަރައެވެ. ބާސާގެ ފުރަތަމަ ލަނޑު އެ މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނޭމާ ދިން ޕާހަކުން އެ ޓީމްގެ ތަރި ލިއޮނަލް މެސީ އެވެ.

މެސީގެ ލަނޑަށް ފަހު މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ބާސާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލަށް އުފައްދާފައެވެ. އަދި ފުރަތަމަ ހާފް ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް، ލިބުނު ހިލޭ ޖެހުމެއް ގޯލްތެރެއަށް ފޮނުވާލައިގެން ނޭމާ ވަނީ ބާސާގެ ލީޑު ދެ ލަނޑަށް ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް އިދިކޮޅު ސެވިއްޔާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. ސެވިއްޔާގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެވަރ ބަނޭގާއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ސެވިއްޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކެވިން ގެމީރޯއެވެ.

ބާސާ މެޗާ ހިލާފަށް އެއިބާއާ ދެކޮޅަށް ރޭ ރެއާލް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި ކާމިޔާބު ކުރީ އެއިބާއެވެ. ނަމަވެސް އެ ލަނޑު ކާމިޔާބު ކުރިއިރު ރެފްރީ ވަނީ ފައުލަކަށް ކަށިގަނޑު ފުމެފައެވެ. އެ ޝޮކަށް ފަހު ރެއާލް ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގެ ލީޑު ހޯދުމަށް ފަހު ކޮންފިޑެންސާ އެކު ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަ ރެއާލް މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްލީ 31 ވަނަ މިނެޓުގައި ހާވިއާ ހެނާންޑޭޒް ކާމިޔާބު ކުރި ލަނޑާއެކުއެވެ.

މެޗުގެ ފުރަތަމަ ހާފް ރެއާލްއިން ދެ ލަނޑުގެ ލީޑަކާއެކު ނިންމާލި ނަމަވެސް، ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށީ އެއިބާއެވެ. ނަމަވެސް އެއިބާ ކުރަމުން ދިޔަ މަސައްކަތުން އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ރެއާލް ވަނީ އެ ޓީމުގެ ލީޑު ތިން ލަނޑަށް ފުޅާ ކޮށްފައެވެ. ރެއާލްގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެސޭ ރޮޑްރިގޭޒްއެވެ.