ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުރުމަށް ފަހު މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅުނު ފުރަތަމަ މެޗުގައި އޭނާ ލަނޑެއް ކާމިޔާބު ކޮށްފިއެވެ.

ދަގަނޑޭ އެ ލަނޑު ކާމިޔާބު ކުރީ މެލޭޝިއަން ސުޕަރ ލީގުގައި އިއްޔެ ފެލްޑާއާ ދެކޮޅަށް ޕީޑީއާރްއެމް ކުޅުނު މެޗުގައެވެ. ނަމަވެސް ދަގަނޑޭގެ ލަނޑާއެކުވެސް ފެލްޑާ ވަނީ އެންމެ ފަހު ވަގުތު ޕީޑީއާރްއެމްގެ މައްޗަށް ކުރި ހޯދާފައެވެ.

އެ މެޗުގައި ޕީޑީއާރްއެމްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށް، އެ ޓީމްގެ އަހުމަދު ޕީޑީއާރްއެމްއަށް ލީޑު ހޯދައިދިނެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ފެލްޑާގެ ޔަހްޔާ ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޕީޑީއާރްއެމްއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދަދިނީ 32 ވަނަ މިނެޓުގައި ދަގަނޑޭ އެވެ. ދަގަނޑޭގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ޕީޑީއާރްއެމް ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފްގެ ބޮޑު ބައިވެސް ޕީޑީއާރްއެމް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ފެލްޑާއަށް އިތުރު ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓާލާފައެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ފެލްޑާގެ މެކޭޗް ވަނީ ދެވަނަ ފަހަރަށް ފެލްޑާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފެލްޑާއަށް މެޗުގެ ލީޑު ހޯދަދިނީ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ހަތަރު މިނެޓުގެ އެންމެ ފަހު މިނެޓުގައި އެ ޓީމްގެ ވިލްސަން އެވެ. އެ ލަނޑާއެކު މެޗު ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން ފެލްޑާ ކުރީގައި އޮވެގެނެވެ.

އިއްޔެގެ ނާކާމިޔާބީ އާއެކު ޕީޑީއާރްއެމް މިހާރު ވަނީ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތުމަށް ފަހު، ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. އަދި އެމްއެސްއެލްގައި އިއްޔެ އޭޓީއެމް އެފްއޭއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، 14 ޕޮއިންޓާއެކު މިހާރު ލީގު ތާވަލްގެ އެއްވަނައިގައި އޮތީ ސެލެންގޯރ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ދަގަނޑޭ ލަނޑެއް ކާމިޔާބު ކޮށްފައި ވާއިރު، އޭނާއަށް އަނިޔާ ވެފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެމްއެސްއެލްގައި 3-1 ގެ ނަތީޖާއަކުން ޕެރާކް ބަލިކުރި މެޗުގައެވެ. އެ އަނިޔާގެ ސަބަބުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުގައިވެސް ދަގަނޑޭއަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.