12 Apr 2015, 10:07
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުވައްމުލަކު ދަޑިމަގު އަވަށުގައި ގާއިމް ކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
ދަޑިމަދު ފުޓްސެލް ދަނޑު ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ. ދަޑިމަގު ފުޓްސެލް ދަނޑުގައި ބޭއްވި އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ދަނޑިމަގު ކައުންސިލްގެ އިސް ބޭފުޅުންގެ އިތުރުން، ޏ. އަތޮޅު ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލަކު ދާއިރާތަކުގެ މަޖުލިސް މެންބަރުން ވަނީ ބައިވެރި ވެފައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތައް --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ރޭ ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުވުމަށް ފަހު އެ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްއާރްޑީސީން ވަނީ ޔޫތު މިނިސްޓްރީއާ ރަސްމީކޮށް ދަނޑު ހަވާލު ކޮށްފައެވެ. އަދި އެއަށް ފަހު ޔޫތު މިނިސްޓްރީން ވަނީ އެ ދަނޑު، ދަޑިމަގު އަވަށުގެ ކައުންސިލާ ހަވާލު ކޮށްފައެވެ.
އޭގެ އިތުރުން އެ ދަނޑުގެ މަސައްކަތް ކުރި އެމްއާރްޑީސީ އަށާއި، މަސައްކަތުގައި އެހީތެރިވެދިން ފެނަކަ ކޯޕަރޭޝަނަށާއި، ދަނޑިމަގު ކައުންސިލްގެ އިތުރުން ޏ. އަތޮޅުކައުންސިލަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަވައްމުލަކު ސްކޫލް ކުދިން އައިޓަމެއް ހުށަހަޅައިދެނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މަޖްލިސް މެންބަރު އަލީ ޝާހު ވަނީ ފުޓްބޯޅައަކީ ވަރަށް ބައިވަރު ފިލާވަޅުތަކެއް ލިބިގެންދާ ކުޅިވަރެއްކަން ފާހަގަކޮށް، އެ ކުޅިވަރުގައި ހިމެނޭ ޓީމްވޯކާއި، ގުުޅުން ބަދަހި ކުރުމުގެ ރޫހުގެ އިތުރުން، އެ ކުޅިވަރުން ސިއްހަތު ރަނގަޅު، ބިނާކުރަނިވި މުޖުތަމައެއް އުފެދުމަށް އެންމެންވެސް ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މެޗު ކުޅުނު ޓީމުތައް ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ދަޑިމަގުގައި އެފަދަ ދަނޑެއް ގާއިމްވެގެން ދިޔުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް އުފާވާ ކަމެއްކަން ފާހަގަކޮށް، އެ މަސައްކަތުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް މެންބަރު ޝާހުގެ އިތުރުން، އެ ރަސްމިއްޔާތުގައި ދަނޑިމަގު ކައުންސިލްގެ ރައީސް ހުސެއިން ފަހުމީ ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ފުވަމުލަކު އުތުރު ދާއިރާއަކީ މޮޅެތި ކުޅުންތެރިންތަކެއް އުފެދިފައިވާ ދާއިރާއެއްކަން ފާހަގަކޮށް، ކުރިއަށް އޮތްތާވެސް ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެން ދާނެ ކަމަށް އުންމީދު ކުރާކަމަށް ކަައުންސިލަރު ވަނީ ވިދާޅުވެފައެވެ.
ކައުންސިލަރުގެ، އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހުވެސް ވަނީ އެފަދަ އިންފްރާސްޓްރަކްޗަރެއް ގާއިމްވެގެން ދިޔައީތީ، އެ ދާއިރާއިން އިތުރު މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދާނެ ކަމުގެ އުންމީދު ފާޅުކޮށްފައެވެ. އަދި ސްޕޯޓްސް މެނިފެސްޓޯގެ ދަށުން، އެ ދާއިރާގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް އަކާއި، ރަސްމީ ފުޓްބޯޅަ ދަނޑެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ޔޫތު މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ކަމަށާއި، އެ ކަންކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ފުރިހަމަ ވެގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދަނޑު ހުޅުވުމަށް ފުވައްމުލަކުގެ އަންހެން ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ދަޑިމަގު ފުޓްސެލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ދަނޑުގައި ޔޫތު މިނިސްޓްރީގެ ޓީމަކާއި، ދަނޑިމަގު ކައުންސިލްގެ ޓީމެއް ވަނީ މެޗެއް ކުޅެފައެވެ. އަދި އޭގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާ އާއި ދެކުނު ދާއިރާއިން ހޮވާލެވުނު އަންހެން ދެ ޓީމް ބައްދަލުކުރި މެޗެއްވެސް ކުޅެފައި ވާއިރު، ފުވައްމުލަކު ޒުވާނުންގެ ދެ ޓީމްވެސް ވަނީ ދަނޑު ހުޅުވުމުގެ ގޮތުން މެޗެއް ކުޅެފައެވެ.