ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ފުރަތަމަ ފަހަރަށް ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދައިފި އެވެ.

ކުއްތާތައް ބޭނުންކޮށްގެން ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި މި ވަނީ ކުއްތާތައް ބޭނުން ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް ހުއްދަ ދެއްވިތާ ތިން ދުވަސް ފަހުން ނެވެ.

ކުއްތާ ބޭނުންކޮށްގެން ފުލުހުން މިރޭ ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ހ. ކާނޭޝަން ލޮޖު ނަމަކަށް ކިޔާ ގެއަކުންނެވެ.

ފުލުހުން މިރޭ ހިންގި އޮޕަރޭޝަނާ ގުޅޭ ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކުއްތާ ބޭނުން ކުރި ކަމަށާއި އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލުތައް ހާމަ ކުރުމަށް މާދަމާ ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައި ވަނީ 16 ކުއްތާ އެވެ. ރާއްޖެއަށް ގެނެސްފައިވާ މި ޑޯގް ސޮކަޑަށް "ފާރަ ގެމަ"ގެ ނަން ދީފައިވާއިރު ވަކިވަކި ކުއްތާތަކަށްް ދޭނެ ނަންތައް ފާސް ކުރުމަށް ދިވެހި ބަހުގެ އެކަޑަމީ އަށް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.