12 Apr 2015, 11:13
(ރޮއިޓާސް) – އެއްގަމު ދަތުރުފަތުރަށް ބޭނުންކުރާ އޮޓޯ ރިކްޝޯ ނުވަތަ އޮޓޯ ދުއްވާ ފިރިހެން ޑްރައިވަރުންގެ ފަރާތުން އޮޓޯއަށް އަރާ އަންހެނުންނަށް ލިބޭ އަނިޔާތަކާއި ކުރާ ފުރައްސާރައަށް ކެތް ނުކުރެވިގެން، ޕާކިސްތާނުގެ އަންހެނަކު އަންހެނުންނަށް ހާއްސަ އޮޓޯ ދަތުރުތަކެއް ކުރަން ފަށައިފިއެވެ.
ސްކޫލުގައި ކިޔެވި އިރު އޭނާ ވަގަށް ނެގުމަށް މަސައްކަތްކުރި އޮޓޯ ޑްރައިވަރެއްގެ ކިބައިން ހަނި ގޮތަކަށް ސަލާމަތްވުމުން ލިބުނު ހިޔާލެއްގެ މައްޗަށް ޒަރް އަސްލަމް އެ ހިދުމަތް ފެށީ އޭނާގެ އުފަން ސިޓީ، ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޫރުގައެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ޕާކިސްތާނުގެ ލާހޫރުގައި އޮޓޯގެ ހިދުމަތް ތައާރަފްކުރި އަސްލަމް، ހިދުމަތުގައި ބޭނުންކުރާ އޮޓޯއާއެކު --- ފޮޓޯ/ ރޮއިޓާސް
އަސްލަމް ބުނާގޮތުން ނަމަ އޭނާ އަށާއި އެކުގައި މަސައްކަތްކުރާ އަންހެނުންނަށް ބަހެއް ނުވަތަ އޮޓޯއެއް ލިބެންދެން މަޑުކުރަންޖެހޭއިރު، ފިރިހެން އޮޓޯ ޑްރައިވަރުންގެ ފަރާތުންނާއި ކައިރިންދާ މީހުންގެ ފަރާތުން ފުރައްސާރަތައް ކުރިމަތިވަމުންދެއެވެ.
"މިއީ އަންހެނުންގެ ދުޅަހެޔޮ ކަމަށާއި ތަރައްގީ އަށާއި އަންހެނުން ބާރުވެރި ކުރުވުމަށް އެޅިގެންދިޔަ އިތުރު ފިޔަވަޅެއް،" އޮޓޯ ދައްކާލަމުން ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ޕާކިސްތާނުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ތިމާވެށި ޖަމިއްޔާއެއްގެ ރައީސާ ކަންވެސް ކުރާ އަސްލަމް ބުންޏެވެ.
އަންހެނުންނަށް ޖިންސީ އަނިޔާ ކުރުމުގައި މަޝްހޫރު ވެފައި އޮންނަ ޕާކިސްތާނުގައި "ފިޔާތޮށި ރިކްޝޯ"ގެ ނަމުގައި ދޭން ފެށި އެ ހިދުމަތުގައި ބޭނުންކުރާ ފިޔާތޮށި އޮޓޯ އަކީ އަންހެނުންނަށް ހާއްސަ ކޮށްގެން ޕާކިސްތާނުގައި ދަތުރުކުރަން ފެށި ފުރަތަމަ އޮޓޯއެވެ.
ނަމަވެސް އަސްލަމްގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން އަންހެނުންނަށް ހާއްސަ 25 އޮޓޯ މަގުތަކަށް ނެރުމެވެ. އަދި އޮޓޯ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސްޕޮންސާ ހޯދުމުގެ މަސައްކަތް އަސްލަމް މިހާރު ވަނީ ފަށާފައެވެ.
"އޮޓޯއެއްގެ އަގަކީ 300،000 ރުޕީސް (ގާތްގަނޑަކަށް 3000 ޑޮލަރު). އެހެންކަމުން އޮޓޯ ގަތުން އެހީދޭ ފަރާތެއްގެ ސްޕޮންސާއަކާ ނުލައި ނުވާނެ. އަދި ސަރުކާރަކުން ވެސް މިކަމަށް އެހީތެރިކަމެއް ދީފައެއް ނުވޭ،" އަސްލަމް ބުންޏެވެ.
އޭނާ ބުނީ، އޮޓޯ ދޫކުރާނީ އެކަމަށް އެކަށީގެންވާ އަންހެނުންނަށް ފަސޭހައިން ދެއްކޭނެ އިންސްޓޯލްމަންޓެއްގެ ދަށުން ކަމަށެވެ. އަދި އޮޓޯ ދުއްވުމަށް ދަސްކޮށްދީ، ޑްރައިވިން ލައިސަންސް ނަގައިދިނުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް އަސްލަމް ބުންޏެވެ.