ތ. ގާދިއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު މުނީރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައިއެންސް (އެމްޑީއޭ) އަށް ސޮއި ކުރައްވައިފި އެވެ.

މުނީރު އެމްޑީއޭއަށް ސޮއި ކުރައްވައި، އޭނާ ވަނީ މެމްބާޝިޕް ފޯމް ޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް އަރުވާފަ އެވެ. ސިޔާމް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ. ސިޔާމް ވިދާޅުވި ގޮތުގައި އެމްޑީއޭއަކީ ޒުވާނުންނަށް ފުރުސަތު އޮތް "ޒުވާން" ޕާޓީއެކެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މުނީރު ވިދާޅުވީ އެމްޑީއޭއަށް ސޮއި ކުރެއްވީ ސަރުކާރުގެ ކޯލިޝަން އާ ގުޅިގެން ޒުވާނުންނަށް ގިނަ ކުރިއެރުންތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރެވޭނެތީ ކަމަށާއި އެ ޕާޓީން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް ދެކިލައްވާތީ ކަމަށެވެ.

"އަޅުގަނޑު މި ޕާޓީއާ ގުޅުނީ އެމްޑީއޭއަކީ ސަރުކާރުގެ ކޯލިޝަނަށް ވުމާއެކު އަޅުގަނޑު ބޭނުންވީ ސަރުކާރާ ގުޅިގެން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއެރުންތަކެއް ހޯދައި ދިނުމަށް. އެމްޑީއޭއަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް އޮތް ޕާޓީއެއް،" މުނީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީއޭއަކީ އަރަމުން އަންނަ ޕާޓީއަކަށް ވެފައި އެ ޕާޓީ އިން ޒުވާނުން "ބިލްޑް" ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޕާޓީގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ 2018 ވަނަ އަހަރު އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޕާޓީއަށް އެމްޑީއޭ ވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުންނާއި ތަފާތު ވިސްނުންތަކުގެ މީހުންނަށް ފުރުސަތު އެ ޕާޓީއަށް އޮތް އިރު އެ ޕާޓީ އޮތް ކޯލިޝަނަކީ އެންމެ ވަރުގަދަ އެއް ކޯލިޝަން ކަމަށް އޭނާ ދެކޭ ކަމަށް ވިދާޅުވި އެވެ.

މުނީރު އެމްޑީއޭ އަށް ސޮއި ކުރުމާއެކު ގާދިއްފުށީ ކައުންސިލްގައި މިހާރު ހުރީ ޕީޕީއެމްގެ ކައުންސިލް އަކާއި އެމްޑީއޭގެ ކައުންސިލަރެކެވެ. ނަމަވެސް އެރަށުގެ ކައުންސިލުގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީ ގައެވެ. އެރަށުގެ ކައުންސިލުގައި ތިބެނީ ފަސް ކައުންސިލަރުންނެވެ.