ސްކޫލް ނިންމުމަށްފަހު ދެން ކުރާ އުންމީދަކީ ޓައީއެޅި ހެދުމުގައި ފިނިކޮޓަރިއެއްގައި އިނުމެވެ. ބެލެނިވެރިންވެސް އަދި ލޯބިވެރިން ވެސް ގަބޫލް ކުރާ އުސޫލަކީ އެއީއެވެ. އެނޫން މަސައްކަތެއް ކުރުމަށް ވިސްނަނީ ހާހަކުން ޒުވާނެކެވެ. ގައުމެއްގެ މުސްތަގުބަލަށް ވިސްނާނަމަ ފިނިކުރި ކޮޓަރިއަށް އެންމެން ވަނުމަށް ވިސްނައިގެން އިގްތިސާދީ އަޅުވެތި ކަމެއް ނޫން ކަމެއް ނެތެވެ. މިއަދު މި ގައުމު މި ދެކެނީ އެކަމެވެ. މިކަމަށް ހައްލެއް އެބަ ބޭނުންވެއެވެ.

ދިވެހި މުޖުތަމައު މިއަދު މި އޮތް ގޮތަށް ބަލާއިރު ބުރަ މަސައްކަތެއް ވިއްޔާ ނުވަތަ ގައިގައި ކިލައެއް ހޭކޭ ކަހަލަ ވަޒީފާއެއް ވިއްޔާ އެކަން އޮންނަނީ ބިދޭސީން ކުރާ ކަމަކަށްވެފައެވެ. އެފަދަ މަސައްކަތަކުން ދިވެއްސަކު ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ހާއްސަކޮށް ޒުވާނެއް ފެނުމަކީ ވަރަށް މަދުން ނޫނީ ވާ ކަމެއް ނޫނެވެ. އޭގެ ނަތީޖާއަކަށް ވެފައި ވަނީ މަސައްކަތު މާހައުލުގައި ބިދޭސީން އުހުގައިއުޅުމެވެ. ބައެއް ވިޔަފާރިތަކުން ބުނާގޮތުން ބިދޭސީންނަށް ފުރުސަތު ދެނީ ދިވެހިން ނުލިބިގެނެވެ.

"ރާއްޖޭގައި ހާއްސަކޮށް، މި ކެޝުއަލް ޖޮބްތަކުގައި އާދައިގެ މަސައްކަތް ކުރާ ފަންތީގައި އަޅުގަނޑުމެން އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ދިވެހިން ބޭނުންވާވަރަކަށް ނުލިބޭ،" ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވިއެވެ.

ދެންވެސް އޮތީ އެފަދަ މިސާލެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމްމުގައި ދާދި ފަހަކާ ޖެހެންދެންވެސް ހުންނެވި އަދި އޭވިއޭޝަން ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ، ޒުވާން ދިވެހި ކުދިން ވަޒީފާއަށް ފަރުވާ ކުޑަކަމަށާއި އެކުދިން މަސައްކަތު މާހައުލަށް އަހުލުވެރި ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލަށް މި އަންނަ ޒުވާން ޖީލުގެ މުވައްޒަފުންނަށް މަސައްކަތުގެ ގާނޫނަށް ރަނގަޅަށް އަހުލުވެރި ނުވަނީ. ވަރަށް ސާދާކޮށް ކަންތައްތައް ނެގެނީ. އޭގެ ތެރޭގައި ސަލާމާއި ޗުއްޓީތަކުގެ އިމްތިހާނެއް ދީފިއްޔާ، ގިނަ ބޭފުޅުން ފާހެއް ވެސް ނުވާނެ،" ބަންދު އިބްރާހީމް ސަލީމް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓެވެ. މިއީ ހަތަރު ލައްކައެއްހާ އާބާދީގައި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ދިވެހީން ވަކި ޒާތެއްގެ ވަޒީފާއެއް ނޫނީ އަދާ ކުރަން ވަޒީފާއަކަށް ނުގޮސްތިބޭއިރު އޭގެ ފޮނިމީރުކަން ނަގަމުން ދަނީ ބިދޭސީންނެވެ.

ވަޒީފާގައި އުޅޭ ބިދޭސީންނަށް ބަލަމާތޯއެވެ. ކޮންސްޓްރަކްޝަން ދާއިރާގައި 34260 ބިދޭސީން މަސައްކަތްކުރާ އިރު ޓޫރިޒަމް ދާއިރާގައި 13488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު މަސައްކަތް ކުރަމުންދާއިރު ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުން ދެއެވެ. ތައުލީމީ ދާއިރާގައި 2114 ބިދޭސީން މަސައްކަތްކުރެއެވެ. މާލީ ދާއިރާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ ހުއްދަ ނަގައިގެން އުޅޭވަރެވެ. ގިނައީ ހުއްދަ ނުނަގައި އުޅޭ ބިދޭސީންނެވެ.

އެތައް ޒުވާނުންނެއް ވަޒީފާއެއް ނެތި ބިތްޖެހިފައި ތިބޭއިރު އެތައް ހާސް ބިދޭސީންނެއް އެދަނީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފައި އެތައް ލައްކަ ޑޮލަރެއް މިގައުމުން ބޭރު ކުރަމުންނެވެ. ގައިމު ދިވެހި ޒުވާނުން އޭގެ ބޭނުން ހިފައިފިނަމަ އެއީ ދިވެހިންގެ ވަޒީފާ ނޫންތޯއެވެ. މިކަން މިހެން އޮއްވައި ދެން މިއިވެނީ ބިދޭސީން ތިބި ދާއިރާތަކަށް ދިވެހިން ވަޒީފާއަށް ގެންނަ ވާހަކައެވެ. ފުރަތަމަ ފެށީ ހޮޓާ ތަކާއި ފިހާރަތަކުންނެވެ. ސަރުކާރުގެ ވިސްނުމަކީ ސޭޓުންނަށް ތިބެން ޖެހޭނީ ދިވެހީނަށް ހެދުމެވެ. އެ ދާއިރާ އިން 7000 ވަޒީފާ ދިވެހީންނަށް ދިނުމެވެ. މިއީ ބިދޭސީން އުޅޭ ވަޒީފާތައް ދިވެހީންނަށް ބަދަލުކުރުމުގެ ވިސްނުމުގެ ފެށުމެވެ.

ސަރުކާރުގެ ވިސްނުމަކީ ދިވެހީންނަށް ވަޒީފާ ދިނުމެވެ. ބިދޭސީން މަދުކޮށް ދިވެހިންނަށް ފުރުސަތުތައް ދިނުމެވެ. ނަމަވެސް އެގަވައިދަށް އަމަލު ކުރަން ފެށުމުން އާހިރު ނަތީޖާއަކަށްވީ އެވަޒީފާތަކަށް ބޭނުންވާވަރަށް ދިވެހިން ނުލިބުމެވެ. މިހާރުވެސް އެގޮނޑިތައް އެފުރަނީ ބިދޭސީންނެވެ.

މިދެންނެވި ކަންކަން މިދެންނެވި ހާލުގައި ހުރިއިރު އިތުރަށް ވިސްނާލަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ދިވެހިން ބުރަ މަސައްކަތް ނުކުރަނީ ހަމައެކަނި ކަންނެތްވެގެންނޭ ވެސް ބުނެވޭކަށް ނެތެވެ. އޭގައި އެހެން ސަބަބުތަކެއްވެސް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ލިބޭ މުސާރަ ކުޑަވުމެވެ. ބުރަމަސައްކަތުން ކުޑަ އުޖޫރައެއް ހޯދުމަށް ވުރެ މަސައްކަތެއް ނުކޮށް ހުރުން ރަނގަޅުކަމަށް ދެކޭ ޒުވާނުން ގިނައީއެވެ. ދެން އޭގައި ދިމާވާ އަނެއް މައްސަލައަކަށްވެފައި އޮންނަނީ މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުމެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ޒުވާނުން އާދައިގެ ވަޒީފާތަކަށް ނެރެން ބޭނުންނަމަ މުޖުތަމައުއިން އެފަދަ ވަޒީފާތައް ބަލައިގަންނަންޖެހޭ ކަމަށެވެ. އެއްވެސް ވަޒީފާއަކީ ހަޑި ވަޒީފާއެއްގެ ގޮތުގައި ބަލައިގަންނަ ގަތުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ހަމައެއާއެކު އެފަދަ ވަޒީފާތަކުން އެކަށީގެންވާ މުސާރައެއް ދިނުމާއި އެއީ މަސައްކަތް ކުރަން ރަނގަޅު މާހައުލަކަށް ވުމުން ޒުވާނުން އެފަދަ ވަޒީފާތަކަށް ދާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

ދިވެހިން އާދައިގެ ވަޒީފާތަކަށް ނުދާ އެހެން ސަބަބުތަކެއްވެސް އެބަވެއެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މަތިވެފައި، ލިބޭ އާމްދަނީ ކުޑަވުމެވެ. އެހެންކަމުން ބިދޭސީންގެ ގޮނޑިތައް ހުސްކޮށް، އެމަގާމްތަކަށް ދިވެހިން ގެންނަން އެދޭނަމަ މިނިމަމް ވޭޖެއް ކަނޑައަޅަންޖެހެއެވެ. ކުރާ މަސައްކަތާއި ލިބޭ އެއްޗަކާއި ދެކޮޅު ދިމާވާނީ އޭރުންނެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، އެމަނިކުފާނު ދިވެހީންނަށް ދޭން ބޭނުންވާ ނަސޭހަތަކީ މިނިމަމް ވޭޖެއް ނެތަސް "ރަނގަޅަށް ބަސް އަހައިގެން މަސައްކަތްކުރާށޭ" ކަމަށާއި މިނިމަމް ވޭޖަށް ވުރެ ކުރިން ޝައުގުވެރިކަމާ އެކު މަސައްކަތްތަކަށް ފަރުވާތެރިވުމަށް ދިވެހީންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުސާރައިގެ ކަންތައްތަކުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ކުރަންވީ ކަމަކީ މިކަން ބަލައިގަންނަންވީ. މިހެން ބަދަލުތަކެއް އަންނައިރު ބައިވަރު ކަންތައްތަކެއް އަންނާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ބިދޭސީން މަދުކުރާ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެއީ ވާނެ ކަމެއް ނޫނެވެ. ދިވެހިން މަސައްކަތްތަކަށް އަހުލުވެރި ކުރަންޖެހެއެވެ. މަސައްކަތު ރަނގަޅު އަހުލާގެއް ދަސްކޮށްދޭންޖެހެއެވެ. ހަށިގަނޑަށް ބުރަނަމަވެސް މަސައްކަތް ކުރަން ކެރޭ ބަޔަކަށް ދިވެހީން ވާންޖެހެއެވެ. ގަވައިދެއް ހެދިޔަސް ދިވެހިންނަށް ނުކެރި މިކަން ވާކަށެއް ނެތެވެ.