12 Apr 2010, 10:36
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން ކަނޑައެޅުމުގެ އިންތިހާބުގައި ވޯޓު ދިނުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުމުން އެކަމަށް ކުރިމަތިލާފައިވާ ފަރާތްތައް ކަމަށް ޑިޕާޓްމެންޓް އޮފް އިންފޮމޭޝަނުން ހާމަ ކުރި ފަރާތްތަކުގެ ތެރޭގައި ކަންބޮޑުވާ މައްސަލަތަކެއް ހުރި ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ން ބުނެފި އެވެ.
އެމްޖޭއޭން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެއިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ރަޖިސްޓްރީކޮށްފައިވާ މީޑިއާގެ ކޮންމެ ފަރާތަކަށް ވެސް އޮތް ކަމަށް މި ޖަމިއްޔާ އިން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އޭޕްރީލް 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުގައި ބައިވެރިވުމަށް ނަން ހުށަހަޅާފައިވާ ކަމަށް ޑިޕާޓުމަންޓް އޮފް އިންފޮމޭޝަނުން ހާމަކޮށްފައިވާ 20 ފަރާތުގެ ތެރޭގައި، މިހާރު އެއްގޮތަކަށް ވެސް ނުނެރޭ ނޫސް މަޖައްލާތަކާއި ދުވަހަކު ވެސް އަޑުނާހާ އޮގަނައިޒޭޝަންތަކެއް ހުރުމަކީ އެ ޖަމިއްޔާ އަށް ބަލައިގަނެވޭ ކަމެއް ނޫންކަމުގައި ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
މީޑިއާ ކައުންސިލަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އެފަދަ ފަރާތްތަކަކަށް ލިބިގެންވާނެ ކަމަށް އެމްޖޭއޭ އަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އަދި ނުނެރޭ ނޫސް މަޖައްލާތައް ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނަށް އެނގޭނެ ކަމަށް މި ޖަމިއްޔާ އަށް ގަބޫލުކުރެވޭ ހިނދު، އެފަދަ ފަރާތްތަކެއް ހިމަނައިގެން މި ލިސްޓު އާއްމުކުރުމަކީ އެ ޑިޕާޓްމެންޓުގެ ޒިންމާދާރުކަމާއި ޑިމޮކްރެސީގެ ރިވެތި ހަމަތަކަށް އިސްކަންދޭ މިންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
ގާނޫނުގައި އޮންނަ ދޫމަޅިއެއް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާއަކުން ޑިމޮކްރެޓިކް ނޫން ގޮތަކަށް ކަންތައް ކޮށްގެންވާނެ ކަކަށް އެމްޖޭއޭ އިން ގަބޫލް ނުކުރާ ކަމަށާއި މީޑިއާ ކައުންސިލަށް މެމްބަރުން ކަނޑައެޅުމުގެ އިންތިހާބާ ގުޅޭމިފަދަ ކަންކަމާ މެދު ކަންބޮޑުވާ ފަރާތްތަކާ އެކު މަޝްވަރާކޮށް، މި މައްސަލަތައް ހައްލު ކުރުމަށް ވަގުތުން މަސައްކަތް ކުރުމަށް އެ ޖަމިއްޔާ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.