ރަސްމީކޮށް ފުރަތަމަ ފަހަރަށް ފާހަގަކުރާ ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި މިއަދު ހަވީރު ފަށައިފިއެވެ. 'އަދަބީ އުފާ'ގެ ނަމުގައި ކުރިޔަށް ގެންދާ އެ ހަރަކާތްތައް ފެށުމުގެ ގޮތުން ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ.

އޭނާގެ ވާހަކަފުޅުގައި މާދަރީ ބަހަށް މޮޅުވުމަކީ އިލްމެއް ހާސިލް ކުރަން ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެއްވެސް އިޚްތިލާފެއް ނެތި ހުރިހާ ބަސްވާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެ ބައެއްގެ މާދަރީ ބަހަށް މޮޅުވި ވަރަކަށް ދެ ވަނަ ބަހެއް ދަސްކުރުމަށް ފަސޭހަވާނެ ކަމަށާއި ދެ ވަނަ ބަހެއް ދަސްކުރި ވަރަކަށް ތިން ވަނަ ބަހެއް ދަސްކުރަން ފަސޭހަވާނެ ކަމަށް އަޒީޒް ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލުގައި ފައްޓަވައި ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ބަހަކީ ދަސްކުރަން ނުޖެހޭ ބަހެއް ކަމަށް ކަމަށާއި ދަސްކުރަން ޖެހޭނީ އެހެން ބަސްތައް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށް އަޒީޒް ވިދާޅުވި އެވެ.

"ދިވެހި ބަހާމެދު އިހުމާލުވެވެޑައިގެން ކުޑައިރުން ފެށިގެން މަންމަ އާއި ބައްޕަ އާއި ކުލަކުލަ އާއި ގުނުމާއި މި ހުރިހާ ކަންކަމާއި ތަންތަނަށް ހުންނަ އަޅުގަނޑުމެންގެ މާދަރީ ބަސް ދޫކޮށްފަ ބޭރު ބަހުން ކިޔަންފެށީމަ ވާގޮތަކީ ހަގީގަތުގަ ކުއްޖާ މޮލުވާން ވަރަށް ދިވެހި ބަހަށް ވެސް މޮޅުނުވަނީ އަދި މޮޅުވާންވާވަރަށް އިގިރޭސި ބަހަށް ވެސް މޮޅުނުވަނީ،" އެހެންކަމުން ދަރިފުޅު އިނގިރޭސި ބަހަށް ނުވަތަ އަރަބި ބަހަށް މޮޅުކުރަންބޭނުންވާ ނަމަ އެއާ އެއްވަރަށް މާދަރީ މަހަށް މޮޅުކުރަންޖެހޭ ކަމަށް އަޒީޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ބަސް ކުުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ހުއްޓުމެއް ނެތް އަދި މެދުކެނޑުމެއް ނެތް މަސައްކަތެއް ކަމަށެވެ. އެގޮތުން ދިވެހި ބަހުގެ ގަވައިދުތައް މުރާޖައާ ކުރުމުގެ އިތުރު ގަވައިދުތައް އެކަށައެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އަޝްރަފް ވިދާޅުވި އެވެ. އަދި ދިވެހި ބަހަށް ލޯބިޖެހޭ ކަހަލަ ވާހަކަތައް މުދައްރިސުންނާއި ބަހުގެ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުން ދެއްކެވުމަށް އަޝްރަފް އެދިވަޑައިގެންނެވި އެވެ.

"ބަހާއި މެދުގަ ވިސްނުން ތަފާތު އަދި ޚިޔާލުތަފާތު ކިތައްމެ ކަމެއްް ހުރެދާނެ، އެހެންނަމަވެސް އޭގެ މައްޗަށް ފޫހި ނަޒަރުން ދެކޭ ކަހަލަ ވާހަކަ ނުދެއްކުމަށް،" އިލްތިމާސް ކުރާ ކަަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިރިޔާ ސްކޫލްގައި މިއަދު ފެށި އަދަބީ އުފަލުގައި ހަތް ސްކޫލަކުން ބައިވެރި އެވެ. އަދަބީ އުފަލުގައި ބަނދި ކިޔުން، ރައިވަރު ކިޔުން، ޅެން ހުށަހެޅުމާއި ފާރު ނޫސް ހެދުން ފަދަ ހަރަކާތްތައް ވަނީ ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ބަހުގެ ދުވަސް ގޮތުގައި ސަރުކާރުން އެޕްރިލް 14 ކަނޑައަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެޕްރިލް 14 އަކީ އައްޝައިޚް ހުސައިން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަހެވެ.