ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވައިލައި 100 ޑައިވަރުން މިއަދު ފީނައިފި އެވެ.

ވެސްޓު ޕާކު ސަރަހައްދުގައި "ފްރީ ކްލައިމެޓް ހީރޯ، 100 ޑައިވާސް، 100 ފްލެގްސް"ގެ ނަމުގައި ފެށި އެ ހަރަކާތް ނިންމާލުން އޮތީ މަޖީދީ މަގުގެ ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދުގަ އެވެ.

ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ ހުސައިން ރަޝީދު (ސެންޑީ) ބުނީ 100 ޑައިވަރުން އަޑިއަށް ދިއުމަށް ފަހު ފުއްޕާހަން ތަކެއް ބޭނުންކޮށްގެން، ފެން މައްޗަށް ދިދަ ތަކެއް ދެއްކި ކަމަށެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މިއަދު ބޭއްވި 100 ޑައިވަރުންގެ ފީނުމުގެ ހަރަކާތުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހަރަކާތެއް ބާއްވަން ނިންމީ އެމަނިކުފާނަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ބަތަލެއް ކަމަށް ދެކޭތީ ކަމަށް ހުސައިން ބުންޏެވެ. އަދި ބުނީ ޑައިވަރުން އިސްނަގައިގެން އެކަމާ އުޅެނީ ނަޝީދު އެގޮތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ހަނދާން އާ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އިސްނަގައިގެން މިއުޅެނީ އެބޭފުޅާ އެކުރެއްވި މަސައްކަތް ހަނދާން އާ ކުރުމަށް،" އޭނާ ބުންޏެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުރެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ނިންމަވައި، ސިފައިން މެދުވެރިކޮށް އިސް ގާޒީ ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސް ބަހައްޓާފައިވާތީ އެވެ.