ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެކްސެލް އެނަރޖީ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގައި މިއަދު ވޭލިއެންޓް ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މާލެ ސްޕޯޓްސް ކްލަބް މުބާރާތުގެ ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ހަތަރު ޓީމު ވާދަކުރާ އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް، އެމްއެސް ހެލްޕިން ހޭންޑާއި ސީބީއެލް އަދި މާލެ ސްޕޯޓްސް ކްލަބް ވަނީ މީގެ ކުރިން ކޮންމެ ޓީމެއްވެސް ފަސް ޕޮއިންޓް ހޯދާފައެވެ. ނަމަވެސް މިއަދުގެ ކާމިޔާބީއާއެކު މާލެ ސްޕޯޓްސް ކްލަބް ވަނީ އިތުރު ފަސް ޕޮއިންޓާއެކު މުބާރާތުގައި މިހާތަނަށް މުޅިއެކު 10 ޕޮއިންޓް ހޯދާފައެވެ.

މިއަަދު ވޭލިއެންޓާ ދެކޮޅަށް ކުޅުނު މެޗު މާލެ ސްޕޯޓްސް ކާމިޔާބު ކުރީ 10 ލަނޑުގެ ތަފާތަކުންނެވެ. މެޗުގެ ޓޮސް ދިމާވި ވޭލިއެންޓް ފުރަތަމަ ކުޅެން އަރައި 22.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 46 ލަނޑެވެ.

މެޗުގައި ވޭލިއެންޓަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ 20 ލަނޑު ނެގި އެ ޓީމްގެ ކެޕްޓަން މުހައްމަދު އަނަސް އެވެ. އަދި މާލެ ސްޕޯޓްސް އިން އެންމެ މޮޅަށް އުކީ އަށް ލަނޑަށް ހަ ވިކެޓު ނެގި މުހައްމަދު ޝަދަން އެވެ.

ޖަވާބުގައި ކުޅެން އަރައި މާލެ ސްޕޯޓްސްގެ އާދަމް ނާސިފް ވަނީ 20 ބޯޅައިން މުޅިއެކު 46 ލަނޑު ހަދާފައެވެ. އަދި އޭނާގެ އިތުރުން އެ ޓީމަށް އެންމެ މޮޅަށް އުކައިދިން ޝަދަންވެސް ވަނީ 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މާލެ ސްޕޯޓްސްގެ ޝަދަން އެވެ.

އެ ނަތީޖާއާއެކު މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވި ވޭލިއެންޓް ވަނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލަށް ވެއްޓިފައެވެ.

އެ މުބާރާތުގެ ފަސްވަނަ މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ސީބީއެލް އާއި އެމްއެސް ހެލްޕިން ހޭންޑެވެ. އެ ދެ ޓީމު އިއްޔެ ބައްދަލުކުރަން ތާވަލް ކޮށްފައި މީގެ ކުރިން އޮތް ނަމަވެސް، އެ މެޗު ވަނީ އަންނަ ހުކުރަށް ފަސް ކޮށްފައެވެ.