11 Apr 2015, 16:32
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެވޭނެ ކަމަށާއި، ނަމަވެސް ގެރެތު ބޭލް އެ މެޗަށް ބޭނުން ނުކުރެވޭނެ ކަމަށް ރެއާލްގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ހުކުރު ދުވަހު ރަޔޯ ވެޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޑައިވް ކުރިކަމަށް ބުނެ ދެއްކި ކާޑަށް ފަހު ރޮނާލްޑޯއަށް އެއް މެޗުގެ ސަސްޕެންޝަނެއް އައިސްފައި ވާއިރު، އެންޗެލޮޓީބުނީ އެ ކާޑު ދައްކާފައި ވަނީ އިންސާފުން ނޫން ކަމަަށް ބެލެވޭތީ އެ މައްސަލަ ބަލައިދިނުމަށް ހުށަހެޅީ ކަމަށެވެ.
"ރޮނާލްޑޯއަށް އެ މެޗުގައި ކާޑު ދެއްކީ ބޭއިންސާފުން ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައިދިނުމަށް އަހަރުމެން އެދުނީ. ރޮނާލްޑޯގެ ކާޑު މިހާރު ވަނީ ބާތިލް ކޮށްދީފަ. ކުރިއަށް އެއިބަރއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ވަރަށް މުހިންމު. އެއިބަރއަށް އަހަރުމެން ވަރަށް އިހުތިރާމް ކުރަން. އެހެން ކަމުން އެ މެޗަށް ރެއާލްގެ އެންމެ ހުނަރުވެރި ފޯވާޑް ލައިން ބޭނުން ކުރަން ޖެހޭ،" އެންޗެލޮޓީބުންޏެވެ.
އެންޗެލޮޓީބުނީ އެއިބަރއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ކުޅެވުނަސް، ބޭލް އެ މެޗުގައި ބޭނުން ނުކުރެވޭނެ ކަމަށާއި، އޭނާއަށް ލިބިފައިވާ އިންޖަރީއެއްގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ރެސްޓެއް ބޭނުންވާ ކަމަށެވެ.
"ބޭލްއަށް އެއިބަރ މެޗަކު ނުކުޅެވޭނެ. އޭނާއަށް ލިބުނު އިންޖަރީއަކާ ގުޅިގެން ކުރި ޓެސްޓުތަކަށް ބަލާއިރު، ކޮންމެވެސް ވަރެއްގެ އޮވަރލޯޑެއް އުޅޭކަން ފާހަގަވި. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކަށް ފެންނަނީ އޭނާއަށް ރެސްޓެއް ދޭން. ކުރިއަށް އޮތް ޗެންޕިއަންސް ލީގު މެޗަށް އޭނާ ބޭނުން ކުރެވޭނީ އެއިރުން،" އެންޗެލޮޓީބުންޏެވެ.
ބޭލްގެ އިތުރުން ރެއާލްގެ ލޫކާ މޮޑްރިޗްވެސް އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ވަޔެކާނޯ މެޗުގައި ފުރިހަމަ ވަގުތު ކުޅެފައި ވާއިރު، އެ މެޗު ނިމުނު އިރު އޭނާ ފެނުނީ އަދިވެސް ކޮންމެވެސް ވަރެއްގެ އިންޖަރީއެއް ހުރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެންޗެލޮޓީބުނީ މޮޑްރިޗާ މެދު އެއްވެސް ހާސްކަމެއް ނެތް ކަމަށާއި، އޭނާ އެއިބަރ މެޗުގައި ކުޅޭނެ ކަމަށެވެ.
"މޮޑްރިޗްގެ އިންޖަރީ މައްސަލައެއް ނެތް. ދެ މެޗު ދޭތެރޭ އެންމެ ދުވަހެއް ރެސްޓަށް ލިބުމުން އޭނާ ހުރީ ވަރަށް ވަރުބަލިވެފަ. ނަމަވެސް ހުރިހާ ކުޅުންތެރިނަށްވެސް ވަރުބަލިކަން އިހުސާސް ވޭ. މްޑްރިޗް އެއިބަރ މެޗުގައި ކުޅޭނެ،" އެންޗެލޮޓީބުންޏެވެ.