އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ، ނިއުރޭޑިއެންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) މިފަހަރުގެ އުރީދޫ ޕްރިމިއަ ލީގުގައި ނިއު ކުޅޭ ފުރަތަމަ މެޗުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އެ ކްލަބުން ބުނެފިއެވެ.

މިއަދު ނިއުއިން ބުނީ، ސެންޓޭ މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވާކަމަށެވެ. އަދި ލީގުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި އޭނާއަށް ކުޅުވޭނެ ކަމަށްވެސް ނިއުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ސެންޓޭއަށް ފުރަތަމަ އަނިޔާވެފައި ވަނީ 2012 ވަނަ އަހަރު ގައުމީ ޓީމާ އެކު އޭނާ ތަމްރީނު ކުރަނިކޮށެވެ. އެ އަނިޔާގައި އޭނާގެ ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައި ވާއިރު، މި އަހަރުގެ ކުރީކޮޅު ފަޔަށް ލައްވާފައި އިން ދަގަނޑު ޕްލޭޓް ނެގުމަށް ކުރި ކަރެކްޓިވް ސަރޖަރީއަށް ފަހު، އޭނާއަށް ވަނީ ޕީޕަލްސް ކަޕާއި އޭއެފްސީ ކަޕްގައި ނިއު ކުޅުނު ފުރަތަމަ މެޗުތަކުގައި ކުޅޭވޭ ގޮތް ނުވެފައެވެ.

ނިއު ދެން އެންމެ އަވަހަށް ކުޅޭނީ އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށެވެ. ނިއުއިން ބުނީ ސެންޓޭ އެ ދަތުރުގައި ބައިވެރި ވާނެ ކަމަށެވެ. ނަމަވެސް އެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.

ސާޖަރީއަށް ފަހު ސެންޓޭ ވަނީ ޑިސެންބަރު މަހުގެ ފަހުކޮޅު ލުއި ފިޓްނެސް ތަމްރީނުތަކެއް ހަދަން ފަށާފައެވެ. އަދި އޭނާ މިހާރު ޓީމުގެ ތަމްރީނުތަކަށް ރަސްމީކޮށް ނިކުންނަން ފަށާފައި ވާއިރު، ސެންޓޭ ވަނީ ވޭތުވެދިޔަ ދެ އަހަރު ނިއުގައި މޮޅު ކުޅުމެއް ދައްކައި، އެ ޓީމް ހޯދި ކާމިޔާބީ ތަކަށް މުހިންމު ހިއްސާތަކެއް ކޮށްދީފައެވެ.