22 Feb 2011, 14:54
ފަސް ވަނަ އެމް ބީ އޭ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލަށް މިރޭ ލަންކާގެ ކާލްޓަން އާއި ދެކޮޅަށް ނުކުންނައިރު މޮޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޓީރެކްސްގެ ކޯޗު ބުނެފި އެވެ.
ލީގު ބުުރުގައި ކުޅުނު މެޗު 10 ވަރަކަށް ޕޮއިންޓްގެ ތަފާތަކުން ކާލްޓަން ކާމިޔާބުކޮށްފައިވިއަސް ކޯޗު އިބްރާހީމް ނާހިދު ބުނީ އެރޭ އެޓީމު މޮޅުވީ ޓީރެކްސްގެ ސަބަބުން ކަމަށެވެ.
"އެރޭ އަހަރެމެން ކުޅުނީ މޮޅަކަށްވުރެ ބޮޑަށް ކަންތައްތަކެއް ދަސްކުރަން. އެކަން ވަރަށް ފުރިހަމައަށް ވެއްޖެ. އަނެއްކާ ހުރިހާ މެޗަކުން މޮޅުވީމަ އެމީހުން ތިބޭނީ ތަންކޮޅެއް ބޮޑަށް އޯވަރކޮންފިޑެންސްވެސް ވެފައި. އޭގެ އެޑްވާންޓޭޖްވެސް އަހަރެމެންނަށް ނެގިދާނެ." ނާހިދު ބުންޏެވެ.
ނާހިދު ބުނީ މިރޭގެ މެޗާ ކުރިމަތިލާއިރު ޓީމު އޮތީ ހުރިހާ ގޮތަކުންވެސް ފިޓްކޮށް ކަމަށާއި މިއީ ވަރަށް މަދު މުބާރާތެއްގައި ނޫނީ ނުވާ ކަމެއް ކަމަށެވެ.
"އާއްމުކޮށް ފައިނަލާ ހަމައަށް އަންނައިރު އަނިޔާ އާއި މިކަހަލަ މައްސަލަތައް ވަރަށް ގިނަ. ނަމަވެސް މިފަހަރު ޓީމު ވަރަށް ފިޓްކޮށް އޮތީ" އޭނާ ބުންޏެވެ.
ނާހިދު ބުނީ އެޓީމާ ދެކޮޅަށް ކުޅޭއިރު އެންމެ އުނދަގޫވަނީ އެޓީމުގެ ކުޅުންތެރިން ހަށިގަނޑުން ބޮޑެތިވުން ކަމަށެވެ.
މިހާތަނަށް އިންވިޓޭޝަން މުބާރާތުގެ 4 މުބާރާތް ބޭއްވިއިރު ރާއްޖޭގައި 2 ފަހަރު ވިކްޓަރީން ވަނީ ތަށި ބަހައްޓާދީފައެވެ. އެދެތަށީވެސް ނާހިދުގެ ހިއްސާ ބޮޑެވެ. އަނެއްކޮޅުން ލަންކާގެ ޓީމުތައްވެސް ވަނީ ދެ ފަހަރު ރާއްޖެއިން ތަށި ގެންގޮސްފައެވެ.